ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އެދި ސިންގަޕޫރުގެ ސަރުކާރުން ރާއްޖެ އަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށް ބުނެ ފެތުރި ވާހަކަތައް ފޮރިން މިނިސްޓްރީ ދޮގުކޮށްފިއެވެ.
އެ ވުޒާރާއިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން އެ ވުޒާރާއަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެ އަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ބައެއް ރާއްޖޭގެ މީޑިއާތަކުގައި ޝާއިއުކުރަމުންދާ ޚަބަރުތަކަކީ ހަގީގަތެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުން އަންނަ ގައުމުތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ގައުމުތަކާ ގުޅުވައިގެން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައި ވެއެވެ