English Edition
Dhivehi Edition

ސްކޫލު ބަންދާ ދިމާކޮށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

“އޮޕްސް ހަޅަ” ނަމުގައި ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ، ސްކޫލު ބަންދަކީ ކަނޑުމަގުން ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވެފައި، މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ދަތުރުކުރާ އުޅަނދާއި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

މިގޮތުން، މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ބަލަމުން ގެންދާނެ އެވެ.

އޭގެތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޑިސެންބަރު 23 އިން ޖެނުއަރީ 8 އަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާނެ އެވެ.