English Edition
Dhivehi Edition

ކީރިތި ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝަރަފްވެރިކޮށްދެއްވައިފި އެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ، މިރޭ ކިންގް ސަލްމާން މިސްކިތުގެ ޖަލްސާކުރާ މާލަމުގަ އެވެ.

މިމުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، “މަޚުރަޖާނުލް ޤުރުއާން” އިފްތިތާޙްކޮށްދެއްވާފަ އެވެ. މިހަރަކާތް ކުރިޔަށްދަނީ، ކިންގް ސަލްމާން މިސްކިތުގެ ގޯތި ތެރޭގަ އެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، ޤުރުއާނުގެ ޢިލްމާއި އިސްލާމީ ތަޢުލީމް ފެތުރުއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގައި ވަރަށް ޅައުމުރުގައި ކުޑަކުދިން ކީރިތި ޤުރުއާން ހިތުދަސްކުރަމުންދާކަމާއި، ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތްތަކުން ވެސް ފަޚުރުވެރި ކާމިޔާބީތައް ހޯދަމުންދާތީ، އެކަންފާހަގަކުރައްވައި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށާއި، ކިޔަވައިދެއްވާ އެދުރުންނަށާއި، ބެލެނިވެރިންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އަޅުގަނޑުމެންނަކީ އަބަދުވެސް ޤުރުއާނަށް ލޯބިކުރާ، އަދި ޤުރުއާން ގިނަގިނައިން ކިޔަވާ، ޤުރުއާނުގެ މާނަ އޮޅުންފިލުވައި، ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރެއްވި އެވެ.

ތިން ބަޔަކަށް ކުރިޔަށްގެންދާ، ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތުގައި މިއަހަރު 1023 ބައިވެރިން ކިޔަވާނެއެވެ.