English Edition
Dhivehi Edition

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލާއި ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބިން ހިއްކުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން، 10.6 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކާނެއެވެ. އަދި 1521 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމައް ހަމަޖެހިފައިވާއިރު 555 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތާއި، 4492 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބޮލާރޑްއާއި ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ އިން މި މަޝްރޫޢޫ އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިއަހަރު ޖެނުއަރީ މަހު 9 ވަނަ ދުވަހުގައެވެ. 125 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 660 ދުވަހުގެ ތެރޭ ނިންމާ ގޮތަކަށެވެ.