English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް 50 އަހަރު ފުރޭއިރު އެމަރުކަޒު ވެގެންދާނީ ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށްދެވޭ ސްކޫލަކަށް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 40 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށްދެވޭ ނިޒާމެއްގެ ތެރެއިން ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ އެއް ސްކޫލަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުކަމަށެވެ. އަދި އެ މަރުކަޒަށް 50 އަހަރު ފުރޭއިރު އެމަރުކަޒު ވެގެންދާނީ ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށްދެވޭ ސްކޫލަކަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިފާއިތުވެ ދިޔަ ތަނުގައިވެސް ޏ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ގިނަ ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، މުޖުތަމަޢުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށެވެ. މިގޮތުން ސްކޫލެއްގައި ކިތަންމެ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތިބި ނަމަވެސް، އަދި ވަޞީލަތްތައް ހުރި ނަމަވެސް، ހަރުދަނާ ދަރިންތަކެއް ބިނާ ނުކުރެވޭ ކަމަށާއި، އެހެންކަމުން މުޖުތަމަޢަށާއި ޤައުމަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް އެދިވަޑައިގަތެވެ.

ސްކޫލުތަކުގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްވެފައިވުމުގެ މުހިއްމުކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ސްކޫލެއްގެ ދައުރަކީ، މުޖުތަމަޢަށް ފައިދާހުރި، ޤައުމަށް ބޭނުންތެރި ޖީލެއް ބިނާކުރުންކަމަށެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ ރާއްޖޭގައި ވަރަށް ގިނަ ދާއިރާތަކުން ދަރިވަރުންނަށް ކުރިޔަށް ދެވޭނެ ފުރުޞަތުތައް ހުރިކަން ފާހަގަކުރައްވައި، އެފުރުޞަތުތަކުގެ ބޭނުން ހިފުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

1982 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ހުޅުވުނު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒަކީ މިހާރު، ގްރޭޑް 7ން ފެށިގެން ގުރޭޑް 12އަށް ކިޔަވައިދޭ ސްކޫލެކެވެ.