English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

މިސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗްގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ނަތީޖާ ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނިގެން ހިނގައްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް އިއްޔެ ހަވީރު ޒިޔާރަތްކުރައްވައި އެހޮސްޕިޓަލްގެ ބޯޑު މެމްބަރުންނާ، ސީނިއަރ މެނޭޖްމެންޓާއި ބައްދަލުކުރައްވައި ނައިބު ރައީސް ވިދާޅުވީ އޭއީއެޗްގެ ދަށުން ސިއްޙީމަރުކަޒުތައް ހިންގައި އެތަންތަނުގެ ޚިދުމަތްތައް ފުޅާކުރެވެމުން ދިޔުމަކީ ހޯދެމުން އަންނަ މުހިއްމު ކުރިއެރުންތަކެއް ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ޚިދުމަތްތައް ހޯދަން އަންނަ މީހުން ހިތްހަމަޖެހޭފަދަ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި، އޭއީއެޗްގެ ސީއީއޯ ޑރ. މުޙައްމަދު ޞާލިޙް ވަނީ، އެހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފާއިތުވި ދެ އަހަރުތެރޭގައި ކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި އޭއީއެޗްގެ ލެބޯޓްރީއަކީ އައިއެސްއޯސެޓިފައިޑް ލެބޯޓްރީއަކަށް ހެދުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވެފައެވެ.

ނައިބު ރައީސް އޭއީއެޗްއަށް ކުރެއްވި ޒިޔާރަތުގައި، ހޮސްޕިޓަލުގެ ޚިދުމަތްތައް ބައްލަވާލައްވައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެވެމުންދާ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވައި ހާލުއަހުވާލު އޮޅުން ފިލުއްވެވިއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިން ވަނީ ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް ރަނގަޅު ތަޖުރިބާއެއް ކުރެވޭނޭ ގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.