ޓެކްނޮލޮޖީ ކުރިއަރައި، ކަންކަމަށް މިހާރުވަނީ ވަރަށް ބޮޑު ފަސޭހައެއް ލިބިފައެވެ. ތިމާ ފޯނުގައި ހުންނަ ތަކެތި އެހެން މީހަކާ ހިއްސާ ކުރުމަކީ ފެންތައްޓެއް ބޮއިލުންހާ ފަސޭހަ ކަމަކަށް ޓެކްނޯލޮޖީ މިވަނީ ހަދައިދީފައެވެ. މިކަން ދެގޮތަކަށް މީހުން ކުރެއެވެ. އެއް ގޮތަކީ އޮންލައިންކޮށް ފޮނުވާލުމެވެ. ދެވަނަ ގޮތަކީ ބްލޫޓޫތު ނުވަތަ މިއާ އެއްފަދަ ނިޒާމަކުން ފޮނުވައިލުމެވެ.
ޓެކްނޮލޮޖީ ކުރިއަރައިގެން އައިސް ދެހާހުގެ އަހަރު ތަކުގެ ތެރޭގައި ‘ބްލޫޓޫތު’ ވަރަށް މަޤްބޫލު ވެގެން ދިޔައެވެ. އޭރު އޮންލައިން މެދުވެރިކޮށް އެއްޗެހި ހިއްސާ ކުރުން އެހާ ބޮޑަށް އާންމެއްނޫނެވެ. ބޭނުންތެރި މިނިޒާމްގެ ހަގީގަތް އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟
މި ނަމުގެ ފަހަތުގައިވާ ސިއްރު ދެނެގަތުމަށް ފުރަތަމަ ޖެހޭނީ މި ޓެކްނޮލޮޖީގެ ތާރީޚުގެ ތެރެއަށް ފީނާށެވެ. ބްލޫޓޫތު އުފައްދާފައިވާނީ އެރިކްސަން ކުންފުނިން 1994 ވަނަ އަހަރު އެވެ. ބްލޫޓޫތު އަކީ ހަގީގަތުގައި މި ނިޒާމަށް އެ ކުންފުނިންދިން ވަގުތީ ނަމަކެވެ. އޭރު މި ކަމުގެ ދިރާސާ ކުރަމުންދިޔައިރު ވަގުތީ ގޮތުން އެ މަޝްރޫއަށް ދެވުނު ނަމެކެވެ.
މިކަމާ ބެހޭގޮތުން އެރިކްސަން ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވަނީ މި ޓެކްނޮލޮޖީ ދިރާކުރަމުންދިޔައިރު އެކަންކުރަމުންދިޔަ މީހުން އެނަން ބޭނުންކުރަމުންދިޔައީ ވަގުތީ ނަމެއްގެ ގޮތުގައި ކަމަށެވެ. މި މަޝްރޫއު ނިމި އެ އީޖާދު ކުރެވުނު ނިޒާމަށް ތަފާތު ނަންތަކެއް ހުށަހެޅުނެވެ. އެ ނަންތަކުގެތެރޭގައި ރޭޑިއޯ ވަޔަރ އަދި ޕޭން (ޕާސަނަލް އޭރިއާ ނެޓްވޯކިންގް) ހިމެނެއެވެ. ނަމަވެސް އެންމެފަހު ވަގުތު ހަރުލީ ބްލޫޓޫތެވެ.
އެރިކްސަން ވެބްސައިޓުގައި މިނަމުގެ އަސްލު ކަމަށް ލިއެފައި ވަނީ މީގެ 1000 އަހަރު ކުރިން އުޅުނު ހެރަލްޑް ‘ބްލޯތަން’ (ހެރަލްޑް ބްލޫޓޫތު) ކިޔާ ވައިކިންގް ރަސްކަލަކަށް ނިސްބަތް ކޮށެވެ.
އޭނާއަށް މިނަން ދެވުނުގޮތާ މެދު ތާރީޚު ދިރާސާކުރާ ފަރާތްތަކުގެ ޚިޔާލު ތަފާތެވެ. އޭގެ ބައެއް ވާހަކަތަކަށް ބަލާލަމާ ހިނގާށެވެ.
އެންމެ ފުރަތަމަ އެ ރަސްގެފާނުގެ މި ‘ވަނަން’ ބޭނުން ކުރެވިފައި ވާތަން ލިއެ ކިއުމުން ފެންނަން އޮތީ ‘ރޮސްކިލްޑާ ކްރޮނިކަލްސް’ ގައެވެ. މިއީ 1140 ގެ ފޮތެކެވެ.
އެ ރަސްގެފާނަށް މި ވަނަން ދެވެނު ކަމަށް އެންމެ މަޝްހޫރު އެއް ގޮތަކީ، އެ ރަސްގެ ފާނުގެ އަނގަފުޅުގައިހުރި ހަލާކު ވަމުންދިޔަ ދަތެއްގެ ސަބަބުން ކަމަށް ބުނެވެއެވެ. މި ދަތް ހުރީ ނޫކުލައިގައި ކަމަށް ވެސް ބުނެވެއެވެ.
އެހެން ވާހަކައަކަށް ބަލާއިރު އޭގައި ބުނަނީ ރަސްގެފާނު މާގިނައިން ބްލޫބެރީ ފަރީކުޅުއްވުމުން ދަތްތައް ނޫކުލައިގައި ހުރުމުން އެނަން ކިޔަންފެށީ ކަމަށެވެ. އެރިކްސަން ވެބްސައިޓުގައި މިއީ ވުން އެކަށީގެންވާ ކަމެއް ކަމަށް ބަޔާން ކޮށްފައިވެއެވެ.
ތިންވަނަ ވާހަކައެއްވެސް އޮވެއެވެ. އެއީ އެ ރަސްގެފާނު އެންމެ ގިނައިން ތުރު ކުރައްވަނީ ނޫކުލައިގެ ހެދުންކޮޅުތަކެއް ކަމުން އެ ހެދުންކޮޅުތަކަށް ނިސްބަތްކޮށް އެނަންކީ ކަމަށްވެއެވެ.
ކަން ކޮންމެ ގޮތަކަށް ހިނގި ނަމަވެސް އެ ރަސްގެފާނު މަޝްހޫރު ވެފައިވަނީ ހެރަލްޑް ބްލޫޓޫތުގެ ނަމުންނެވެ.
އެރިކްސަން ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން އެ ރަސްގެފާނަކީ އެމަނިކުފާނުގެ ދައުރުގައި މީހުން ވަރަށް ބޮޑަށް ގުޅުވައިދޭން މަސައްކަތް ކުރެއްވި ރަސްކަލެކެވެ. އަދި ބުލޫޓޫތު ނިޒާމުގެ އެންމެ މައިގަނޑު އެއް ބޭނުމަކީވެސް މީހުން ގުޅުވައި ދިނުން ކަމަށް އެ ކުންފުނިން ބުނެވެ.
ބުލޫޓޫތު ލޯގޯ އަކީ ވެސް ހަގީގަތުގައި ގިނަ މީހުންނަށް ހީވެފައި އޮތް ގޮތަށް ދަތެއް ނޫނެވެ. ނުވަތަ ބްލޫޓޫތުގެ ‘ބީ’ އެއް ވެސް ނޫނެވެ. އެއީ ނޯރޑިކް ރޫން އަކުރުން ‘އެޗް’ އަދި ‘ބީ’ އެވެ. މިއީ ވަރަށް ކުރިން ބޭނުން ކުރެވުނު ބަހުރުވައެކެވެ.
ބްލޫޓޫތު މިއީ މިހާރު އަތް މަތީ ބަހެކެވެ. ނަމަވެސް މިއީ މީގެ 1000 އަހަރު ކުރިން އުޅުއްވި ރަސްކަލަކަށް ނިސްބަތްކޮށް ކިޔާ ނަމެއްކަން މަދު ބަޔަކަށް ނޫނީ ނޭނގެއެވެ.