English Edition
Dhivehi Edition

ޕޮލިސް ބޯޑުގެ މެމްބަރުކަމުގެ މަގާމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހު އައްޔަންކޮށްފި އެވެ.

ފަސީހު އެ ބޯޑަށް އައްޔަންކުރީ ބޯޑުގެ މެމްބަރު އަދި ބޯޑުގެ ރައީސް އަލީ ފާއިޒު، ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ހަމަޖެއްސުމުން އޭނާގެ ބަދަލުގައި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން އުފައްދާފައިވާ އެ ބޯޑުގެ ބޭނުމަކީ ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމެވެ. އަދި އެ ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމާއި އެ ގާނޫނުގެ ދަށުން ލަފާ ދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު އެކުލަވާލާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެގޮތުން އެ ހަތް މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވާ ދެ މެންބަރުން ނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަސީހު، ކޮމިޝަނަރު އޮފް ޕޮލިސް މަގާމުގައި ހުންނެވި ފަސީހު ވަނީ އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.