English Edition
Dhivehi Edition

ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ގދ. ފަރެސްމާތޮޑާގައި ކުރިޔަށް ގެންދާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށަށް ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަހަރު ފާހަގަކުރާ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފަރެސްމާތޮޑާގައި ކުރިޔަށްދާ އެކިއެކި ޙަރަކާތްތައް ބައްލަވައިލައްވާނެ އެވެ.

މިގޮތުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއްވެސް އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާ ގދ. ފަރެސްމާތޮޑާ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މަސްވެރިންނާއިވެސް ބައްދަލު ކުރައްވާނެ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވެސް ހަމަޖެހިފައެެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.