English Edition
Dhivehi Edition
26 ޑިސެމްބަރު 2019ގައި އިންޑިއާއިން ރާއްޖެއައި މީހާގެ އަތުން ކަސްޓަމްސް އިން އަތުލައިގަތް ކެނަބިސް - ފޮޓޯ: ކަސްޓަމްސް

ރާއްޖެ އައި ޕާކިސްތާނު މީހެއްގެ އަތުން 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި އެޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ. އަދި މިތަކެތި އަތުލައިގަތީ ސެޕްޓެމްބަރު 18 ވަނަ ދުވަހު ކަމަށެވެ.

އެތަކެތި ފެނުނީ އުމުރުން 30 އަހަރުގެ ޕާކިސްތާން ފިރިހެން ފަސިންޖަރަކާއިމެދު ޝައްކުކުރެވިގެން، އެ ފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

މިގޮތުން، އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށާއި މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17.26 ކިލޯ ހުރި ކަމަށް ވެސް ބުންޏެވެ.

މިތަކެތީގެ މަގުމަތީ އަގު 21,000,000.00 (އެކާވީސް މިލިއަން) ރުފިޔާއަށް އަރާއިރު، މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 6 ވަނަ ފަހަރު ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 55.405 ކިލޯގެ ހެރޮއިން ވަނީ އަތުލައިގަނެވިފައިވާ ކަމަށް ބުންޏެވ.

މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.