English Edition
Dhivehi Edition
ރައީސް ނަޝީދު ގދ. ތިނަދޫގައި، ފޮޓޯ: އެމްޑީޕީ ސެކްރެޓިއޭޓް

ރައްޔިތުން ނިންމި ގޮތަށް އަމަލުކުރައްވައި ނިޒާމީ ވޯޓެއް ނެންގެވުމަށް ރައީސް ޞާލިހްގެ އަރިހުން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިހެން އެދިވަޑައިގެންނެވީ ގދ. ތިނަދޫ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ވެރިކަން ހިންގަވާ ގޮތުގައި ބައިވަރު ދެކޮޅު ނުޖެހުން އެބަހުރި ކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ވޯޓަށް އެހުމަށް އެމްޑީޕީން ވައުދުވި ކަމަށެވެ.

އެހެންނަމަވެސް، މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވެރިކަން ހިންގަވަނީ ރައްޔިތުން ބޭނުންވާ ގޮތާ ޚިލާފަށް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ ރައީސް ނަޝީދު ވަނީ ނިޒާމީ ވޯޓަކަށް ނުގޮސް ވެރިކަން ހިންގެވުމަކީ ރައީސް ޞާލިހް ހައްދަވާ “ވަރަށް ބޮޑު ގޯހެއް” ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެއިތުރުން، އެމްޑީޕީ ވެރިކަމަށް އަންނަތާ 18 މަސްދުވަސް ތެރޭ ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް ކޯލިޝަނުން އެއްބަސްވި މެނިފެސްޓޯގައި ހިމަނާފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވެވުނު ވައުދު ފުއްދުމަށް ވޯޓަށް ނާހައި، ރައްޔިތުންގެ ގާތުން އިތުރު ވާހަކައެއް އަހަން އުޅުމަކީ ބުުއްދިވެރި ކަމެއް ނޫން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމްގައިވެސް ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، ބަރުލަމާނީ ނިޒާމު ގެންނަން ރައީސް ނަޝީދު ފިޔަވައި އެހެން ހުރިހާ ސިޔާސީ ލީޑަރުން މިހާރު ގެންދަވަނީ ދެކޮޅު ހައްދަވަމުން ނެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ރިޔާސީ ޕްރައިމަރީ ބާއްވާނެ ވަކި ތާރީޚެއް އަދި އިއުލާން ކޮށްފައިނުވާ އިރު، ރިޔާސީ އާ ދައުރެއް ހޯއްދެވުމަށް ރައީސް ޞާލިހްވެސް އަންނަނީ މަސައްކަތް ކުރައްވަމުން ނެވެ.