English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެމްއެންޕީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕާޓީން ބުނީ މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕްރައިމަރީއަށް ކުރިމަތިލާ މީހުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ފޯމާއި، ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ޕާޓީގެ އޮފީސް، މއ. ކެލާވީ ފަސްޓް ފްލޯއަށް ވަޑައިގެން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށް ބުންޏެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމްއެންޕީގެ މެންބަރެއް ކަމުގައި ވުމާއި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން ހިމެނެ އެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުމާއި އިންސާނީ ހައްގަކަށް އަރައިގަނެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން ވސް ހިމެނެ އެވެ.

މީގެ އިތުރުން ކުޑަކުއްޖަކާ މެދު ބަދުއަހްލާގީ އަމަލެއް ހިނގި ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުމާއި ޕާޓީގެ ސުލޫކީ ގަވާއިދާ ހިލާފްވުމުގެ ސަބަބުން ސުލޫކީ ކޮމިޓީން ނުވަތަ އިސްތިއުނާފް ކޮމިޓީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ، އެފިޔަވަޅެއް ތަންފީޒުކޮށް ނިމުނުތާ އެއް އަހަރު ވެފައިވުން ވެސް ވަނީ ޝަރުތުތަކުގެ ތެރޭގައި ހިމަނާފަ އެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ އެމްއެންޕީގެ ނަންބަރު 9708080 އާއި ގުޅައިގެން ކުރިއަށް ގެންދިއުމަށް އެ ޕާޓީން ބުންޏެވެ.

އެ ޕާޓީގެ ޕްރައިމަރީ އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، އަންނައަހަރު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ވެރިކަމަށް ވާދަކުރައްވާނެކަން އެ ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ.