English Edition
Dhivehi Edition
ރައީސް ޞާލިޙް އާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު - ފޮޓޯ: ޓްވިޓާ (ރައީސް ނަޝީދު)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ސިލްސިލާކޮށް ކުރިއަށް ގެންދަވާ “އާސްކް ސްޕީކާ” ގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މި ޕްރޮގްރާމްގައި ރައީސް ސޯލިހު ވެރިކަމަށް ގެނެވުނުން އެކަމާ މިހާރު ހިތާމަ ކުރައްވަންތޯ ބުނެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނާ ގުޅިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 އާ ހަމައަށް މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. އެހެންނަމަވެސް 2019 ވަނަ އަހަރުން ފެށިގެން ރައީސް ސޯލިހް މަސައްކަތްޕުޅު ކުރެއްވީ ވެރިކަމުގެ ބާރުތައް ޖަމާކުރައްވަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ބާރުތައް ޖަމާ ކުރެއްވުމަށް، ރައީސް ކުރެއްވި މަސައްކަތްޕުޅު ކުރިއަށް ގެެންދެވީ މި އަހަރުގެ މެދެއްހާ ހިސާބަށް ކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މި އަހަރުގެ މެދަކާ ހަމައަށް އައި ހިސާބުން އެމްޑީޕީ އޮއްވައި “އެހެން ނެޓްވޯކެއް” އުފެއްދުން އެއީ ފަސޭހަ ކަމެއް ކަމަށް ރައީސް ސޯލިހް އަށް ފެނިވަޑައި ނުގެންނެވި ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފަހު، އެކަން ވަރަށް ސާފުވެއްޖެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުން އެނބުރެވޭނެ ދިމާލެއް ނެތްކަމަށެވެ. އަދި ހިތާމަވެރި ގޮތަކަށް މިދިޔަ ފަސް އަހަރު ނިއުޅިގެން ދިޔައީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އާއި ރައީސް ސޯލިހް އަކީ އެންމެ ކުޑައިރުއްސުރެ ފެށިގެން ގާތްގުޅުމެއް ބާއްވަމުން ގެންދެވި ދެ ބޭފުޅުންނެވެ. އެހެންނަމަވެސް ވެރިކަމުގެ ނިޒާމާއި ގުޅިގެން އެމްޑީޕީ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން ދެ ބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ،