English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިޔަސްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސްޕެއިން ބަލިކޮށް ޖަޕާން ދެ ވަނަ ބުރުން ފުރުސަތު ހޯދިިއިރު، ކޮސްޓަ ރިކާ އަތުން މޮޅުވި ނަމަވެސް ޖަރުމަނު މުބާރާތުން ކަޓައިފި އެވެ.

ގުރޫޕް އީގެ އެންމެ ފަހު މެޗުތަކުގެ ކުޅުން ރޭ ކުޅެ ނިމިފައިވާއިރު، ޖަޕާން ދެވަނަ ބުރަށް ދިޔައީ 1-2 އިން ސްޕެއިން ބަލިކޮށް ހަ ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޖަޕާން އަތުން ބަލިވިނަމަވެސް ގޯލުގެ ތަފާތުން ކޮސްޓަރިކާއަތުން 2-4 އިން މޮޅުވެ ހަތަރު ޕޮއިންޓު ހޯދި ޖަރުމަނަށް ވުރެ ކުރި ލިބިގެން ދެވަ ބުރަށް ސްޕެއިން ދިޔައީ ހަތަރު ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ؛ލިބިގެންނެވެ.

ޖަޕާން މޮޅުވި މެޗުގައި ސްޕެއިން އިން ލީޑު ނެގީ ފުރަތަމަ ހާފުގެ 11 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ސްޕެއިން އިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ޖަޕާނުން ވަނީ ފަހު ހާފަށް ކުޅެން ނިކުމެ، ގާތްގާތުގައި ދެ ލަނޑު ޖަހައިގެން މެޗުގެ ލީޑު އަތުލާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަޕާނުން ޖެހީ 48 ވަނަ މިނިޓްގައެވެ. މި ލަނޑު ޖަޕާނަށް ޖަހައިދިނީ ރިޓްސޫ ޑޯއާންއެވެ. ޖަޕާނުގެ ދެވަނަ ލަނޑު ޖަހައިދިނީ 51 ވަނަ މިނެޓުގައި، އާއޯ ޓަނަކާއެވެ.

ކޮސްޓަރީކާ އަދި ޖަރުމަން ބައްދަލުކުރި މެޗު ފަށައިގެން މޮޅަށް ކުޅެ ގިނަ ހަމާލަތެއް އުފެއްދީ ޖަރުމަނުންނެވެ. އެގޮތުން ޖަރުމަނުން ވަނީ މެޗުގެ 10 ވަނަ މިނިޓްގައި ސާޖް ގްނަބްރީ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ލިޑު ނަގައިފައެވެ. ނަމަވެސް ފަހު ހާފަށް ކުޅެން ނުކުމެ ކޮސްޓަ ރިކާ އިން ވަނީ އުފެއްދި ކައުންޓައެޓޭކުތަކުގައި ގާތްގާތުގައި ދެ ލަނޑު ޖަހައި، މެޗުގެ ލީޑު ނަގާފައެވެ. ކޮސްޓަ ރިކާ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ 58 ވަނަ މިނިޓްގައި ޔެލްސިން ޓެޖޭޑާ އެވެ. ކޮސްޓަރިކާގެ ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖެހިއިރު، މިއީ ކީޕަރު ނޯޔާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޖަރުމަނުގެ ފަހު ތިން ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ފަހު ހާފަށް ކުޅެން އެރި ކައި ހަވާޓްޒް އާއި ނިކްލަސް ފުލްކްރޫގް އެވެ.

ޖަޕާން ގުރޫޕުގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދިޔައިރު، އެޓީމުން ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ ގުރޫޕް އެފްއިން ދެ ވަނަ ޓީމުގެ ގޮތުގައި ދެވަބުރަށް ދިޔަ ކްރޮއެޝިއާއެވެ. އަދި ސްޕެއިން ބައްދަލުކުރަން ޖެހޭނީ އެ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔަ މޮރޮކޯއާއެވެ.