English Edition
Dhivehi Edition

ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ސޫ ކޮކް ލެންގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ރަސްމިއްޔާތަށްފަހު ސިންގަޕޫރު ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ އާ ސަފީރަށް މަރުޙަބާ ވިދާޅުވެ ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ބިނާވެފައި ވަނީ ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައިވާ ދޭދޭ ގުޅުމާއި، ދެޤައުމުން ޤާބޫލުކުރާ އުޞޫލުތަކުގެ މައްޗަށްކަމުގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ސިންގަޕޫރުގެ ސަފީރު ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން، ދެބޭފުޅުން ވަނީ ސަރަޙައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. ސިންގަޕޫރުގެ ސަފީރު ވަނީ ރާއްޖޭގެ ސަރުކާރުން ކޮވިޑް-19 މެނޭޖްކުރުމުގައި އަޅާފައިވާ ކާމިޔާބު ފިޔަވަޅުތަކަށް ތަޢުރީފްކުރައްވައި ރައީސުލްޖުމްހުރިއްޔާއަށް މަރުޙަބާ ދަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ވެހިރާއްޖެއާއި ސިންގަޕޫރުން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 20 ފެބްރުއަރީ 1975 ވަނަ އަހަރުގަ އެވެ.