English Edition
Dhivehi Edition

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގައި ގެ ފުރަތަމަ މެޗުގައި މިރޭ އުރުގުއޭ އާއި ސައުތު ކޮރެއާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އުރުގުއޭ އަދި ކޮރެއާ ބައްދަލުކުރި މި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިންނެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމުގައި ކުޅުނު މި މެޗަކީ ރީތި ފުޓްބޯޅަ އެއް ފެނިގެން ދިޔަ ފޯރިގަދަ މެޗެކެވެ. ދެ ޓީމުގެ ފަރާތުން ވެސް ހަލުވި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނެވެ. ނަމަވެސް މި ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މި ހާފުގައި ކޮރެއާގެ އެންމެ ނުރައްކާތެރި ހަމަލާއަކަށް ވީ ޕެނެލްޓީ އޭރިއާގެ ވާތް ފަރާތު އަރިމަތިން ކިމް މުން ހުވަން ނަގައިދިން ހުރަހަކުން ހުވަން އުއި ޖޯ ފޮނުވާލި ހަމަލާއެވެ. މި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން އުރުގުއޭގެ ޑިފެންޑަރު ގޯޑިން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވެފައިވަނީ ކޮރެއާގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެ ވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ހަލުވި އެހާމެ އަވަސް ކުޅުމެކެވެ. ދެ ޓީމުން ވެސް ގޯލެއް ޖެހުމަށް އެޓޭކްތައް އުފައްދަމުން ދިޔަނަމަވެސް އެއްވެސް ޓީމަކަށް ގޯލުގެތެރެއަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ. މެޗު ނިމެން ކައިރި ވެފައި ވަނިކޮށް އުރުގުއޭގެ ވަލްވާޑޭ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ދަނޑިއަށް ކޮރެއާގެ ގޯލު ދަނޑިއަށް ވަނީ އަމާޒުވެފައެވެ. އަދި ކޮރެއާގެ ސޮން ދުރުން ފޮނުވާލި ހަމަލާ ދިޔައީ ކުދަތަން ކޮޅެއް ގޯލުގެ އަރިމަތިން ބޭރަށެވެ.

މުޅި މެޗަށް ބަލާއިރު، އުރުގުއާއީން ޖުމުލަ އަށް ހަމަލާއެއް އުފެއްދިއިރު، އޭގެ ތެރެއިން ގޯލާއި އަމާޒުވީ 2 ހަމަލާއެވެ. އަދި ދެކުނު ކޮރެއާއިން ފަސް ހަމަލާއެއް އުފެއްދި އިރު ގޯލާއި އަމާޒުވީ 1 ހަމަލާއެވެ.