English Edition
Dhivehi Edition

އެމެރިކާގެ ޓެކްސަސްގައި ފައްޅިއަކަށް ވަދެ ދިން ބަޑީގެ ހަމަލާއެއްގައި 26 މީހުން މަރާލި މީހާ ފިލަން މަސައްކަތް ކޮށް އަމިއްލައަށް މަރުވެއްޖެއެވެ.

އާދީއްތަ ދުވަހު ޓެކްސަސްގެ އަވަށެއް ކަމަށްވާ ސަދާލޭންޑްސް ސްޕްރިންގްސްގެ ފައްޅިއަކަށް އަޅުކަން ކުރަމުން ދިޔަ ގަޑިއެއްގައި ހަނގުރާމަ މަތީ ހެދުމުގައި ކުރީގެ އެއާފޯސް މީހަކު ވަދެ ބަޑީގެ ހަމަލާއެއް ދިނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި މީހާ އަކީ ޑެވިން ޕެޓްރިކް ކިޔާ 26 އަހަރުގެ މީހެކެވެ.

އެނާގެ ދިން ހަމަލާގައި 26 މީހުން މަރުވެ އިތުރު 20 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ. މީގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ 8 މީހުން ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެވަގުތު އެތާ ކައިރީގައި ތިބި އާންމުންގެ ބަޔަކު އަތުގައި ހުރި ހަތިޔާރާ އެކު އެނާއާއި ދިމާ ކުރިއެވެ. ނަމަވެސް އެނާ ވަނީ އަތު ނުޖެހި ފިލަން މަސައްކަތް ކޮއްފައެވެ. އެއްގަމު އުޅަނދުގައި އެމީހާ ފަހަތުން އާންމު ދެމީހުން ދިޔައެވެ. އެވަގުތު ހަމަލާ ދިން ޑެވިން ދުއްވަން އިން އުޅަނދު އެކްސިޑެންޓެއް ވިއެވެ. މިހާ ހިސާބުން އެނާ އަމިއްލައަށް މަރުވީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެ އަވަށުގެ ފުލުހުން ބުނެފައިވަނީ ޑެވިން މަރުވެފައި ވަނީ އަމިއްލައަށް ކަމަށް މިހާ ތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް މި ހަމަލާ އާއި ގުޅޭ ގޮތުން ޓޯކިޔޯގައި ހުންނަވާ ވިދާޅުވީ، މި ހަމަލާ ދިނީ ސިކުނޑި ‘ހަމަނުޖެހޭ’ މީހެއް ކަމަށާއި، މީއީ ބަޑި ގެންގުޅުމަށް ވުރެ ބޮޑަށް ނަފްސާނީ މައްސަލައެއްގެ ސަބަބުން ކުރިމަތި ވި ކަމެއް ކަމުގައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ބަޑި ގެންގުޅުނު އެހެން ބަޔަކު ނެތްނަމަ މިއަށް ވުރެ ކަން ގޯސް ވެދާނެ ކަން ވެސް އެނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މިއީ އެމެރިކާގައި ހިނގަމުން އަންނަ ހަތިޔާރު ގެންގުޅޭ މީހުން ހިންގާ ޖަރީމާ ތަކަށް އިތުރުވި ބޮޅެކެވެ. ދާދި ފަހުން އެމެރިކާގެ ލަސް ވޭގަސްގައި ވެސް ބަޑީގެ ހަމަލާ އާންމުންނަށްދީ 58 މީހަކު ވަނީ މަރާލާފައެވެ. އެ ހަމަލާ ވެގެން ދިޔައީ އެމެރިކާގައި ދެވުނު މިފަދަ އެންމެ ވަރުގަދަ އެއް ހަމަލާއެވެ.