English Edition
Dhivehi Edition

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި 15 އެޕްރެންޓިސްއަކަށް މިއަދުގެ ރަސްމިއްޔާތުގައިވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މި ރަސްމިއްޔާތުގެ ޚާއްޞަ މެހެމާނުންގެ ގޮތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ. ޢާއިޝަތު ޢަލީ، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ޑރ. އިބްރާހީމް ޙަސަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑރ. މުޞްޠަފާ ލުޠުފީވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމާއި، ޒުވާނުންނަށް ހިތްވަރު ދިނުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އަމާޒެކެވެ. އެގޮތުން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާއަދާކުރުމުގެ ހުނަރު ތަރައްޤީކުރުމަށް އިސްކަންދޭ އެކުންފުނީގެ ފްލެގްޝިޕް ސީއެސްއާރު އިނީޝިއޭޓިވްއެކެވެ.

މިއީ ރާއްޖޭގައި ތަޢާރަފްކުރި ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެސް މެއެވެ. 2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުރީގެ ގިނަ ދަސްވެނިންނަކީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އެހެނިހެން ޖަމިއްޔާތަކުގައި ކާމިޔާބު ކެރިއަރުތަކެއް ގާއިމުކުރަމުން އަންނަ ފަރާތްތަކެކެވެ.

މި ރަސްމިއްޔާތުގައި އެކުންފުނިން ވަނީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 13 ވަނަ ބެޗަށް މަރުހަބާ ކިޔާފައެވެ. ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވެގެން ދެއެވެ. އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރެވޭނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަލްސާގެ ޝަރަފުވެރި މެހެމާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޟްފާލިލް ފައިޞަލް ނަސީމް ވަނީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022 ގެ ދަސްވެނިންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ރާއްޖެއަށް ތަޢާރަފްކޮށް، ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ކުރާ މަސައްކަތަށް ދިރާގަށް ޝުކުރުވެސް އަދާކުރެއްވިއެވެ. އަދި ޤައުމުގެ ހަރުދަނާކަމާއި ކުރިއެރުމަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވެސް ވަނީ ހަފްލާގެ ދަސްވެނިންނަށާއި އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މި ޕްރޮގްރާމްގެ ކުރީގެ ދަސްވެނިންނަށް ދިރާގުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު، ޒިންމާދާރު ވަޒީފާތައް އަދާކުރަމުންދާތީ އުފާކުރައްވާ ކަމުގައިވެސް ފާހަގަކުރައްވާފައެވެ. އަދި ޒުވާނުން ބާރުވެރިކުރުމަކީ ދިރާގުން ޚާއްސަ އިސްކަމެއް ދޭ ކަމެއްކަންވެސް ވިދާޅުވިއެވެ.

ދިރާގުން އަންނަނީ ޒުވާނުންގެ ދިރިއުޅުން މުއްސަނދިކޮށް، ޒުވާނުންގެ ހުނަރު ތަރައްޤީ ކުރުމަށްޓަކައި ހަރުދަނާ އޮންސައިޓް ތަމްރީނުތަށް ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ.

ޓެގު