English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގައި މިއަދު ސައުދީ އަރަބިޔާއާއި ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ ވަރުގަދަ އާޖެންޓީނާ ބަލިވެއްޖެއެވެ.

ސައޫދީން އާޖެންޓީނާ ބަލިކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެންވެސް އާޖެންތީނާއަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަމަވެސް މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑު ޖަހާ އާޖެންޓީނާއިން ވަނީ މެޗުގެ ލީޑުނަގާފައެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އާޖެންޓީނާ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ އާޖެންޓީނާގެ ޕަރެޑޭސްއަށް ސައޫދީ ކުޅުންތެރިޔަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ހާފުގައި އާޖެންޓީނާއަށް ލަނޑު ޖަހަން މާ ރަނގަޅު ފުރުސަތުތަކެއް ނުލިބެއެވެ. ނަމަވެސް އެޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. ނަމަވެސް އެ ހުރިހާ ލަނޑެއް ވެސް ވީ އޮފް ސައިޑް ލަނޑަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، އާޖެންޓީނާ އޮތީ އެއް ލަނޑުގެ ލީޑެއް ނަގާފައެވެ. ނަމަވެސް ސައުދީން ދެވަނަ ހާފަށް ނުކުމެ ތަފާތު ދައްކައި އާޖެންޓީނާ އަށް ސިހުންގެނުވިއެވެ. އެގޮތުން ދެ ވަނަ ހާފު ފެށިގެން އެންމެ 3 މިނިޓުގެ ތެރޭގައި، ފެރާޒް ދިން ބޯޅައަކުން ލަނޑު ޖަހާ ސަލޭހް އަލް ސެހްރީ ސައޫދީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ އެންމެ 5 މިނިޓު ފަހުން، ސާލެމް އަލް ދައުސަރީ ޖެހި ހިތްގައިމު ލަނޑުން ސައޫދީން ލީޑު ނެގިއެވެ. ސައޫދީގެ ލަނޑަށްފަހު އާޖެންޓީނާއިން ނަތީޖާ އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެޓީމުން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ..

މި މެޗުން އާޖެންޓީނާ ބަލިވިއިރު، އެޓީމަށް ދެންވެސް ކުރިޔަށް އޮތީ ވަރުގަދަ ދެމެޗެވެ. އެއީ މެކްސިކޯ އަދި ޕޯލެންޑް އާއި ދެކޮޅަށް ކުޅެންޖެހޭ މެޗުތަކެވެ. މި މެޗުތަކަކީ ވެސް އާޖެންޓީނާއަށް މާ ފަސޭހަ މެޗުތަކަށް ނުވާނެއެވެ. އާޖެންޓީނާއަށް ދެވަނަ ބުރު ޔަގީން ކުރުމަށް މި ދެމެޗުންވެސް މޮޅުވާން ޖެހެއެވެ.