English Edition
Dhivehi Edition

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިން ޅ. އަތޮޅުގައި ޚިދުމަތް ދޭން ފަށައިފި އެވެ.

މި ޚިދުމަތުގައި މިހާރުކުރިއަށްދަނީ އެ ދަތުރުތަކަށް މީހުން އަހުލުވެރިކުރުވުމުގެ މަރުހަލާ އެވެ. މި މަރުހަލާގައި ޚިދުމަތް ދޭނީ ހިލެއެވެ.

އެ އަތޮޅުގައި އިއްޔެ ފެށިއިރު، އެ އަތޮޅުގައި ތިން ރޫޓަކުން ދަތުރުތައް ދަނީ ބާއްވަމުން ނެވެ.

އެގޮތުން ފުރަތަމަ ރޫޓުގައި ހިންނަވަރު، ނައިފަރު އަދި ފެލިވަރު ހިމެނޭއިރު، ދެވަނަ ރޫޓުގައި ހިމެނެނީ ނައިފަރު އަދި މަޑިވަރެވެ. ތިންވަނަ ރޫޓުގައި ވަނީ އޮޅުވެލިފުށި، ކުރެންދޫ އަދި ނައިފަރެވެ.

މި ދަތުރުތައް ހަފުތާގެ ހުރިހާ ދުވަސްތަކެއް ގައި ވެސް އޮންނާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލުމަށް ސަރުކާރުން ހިންގާ މި މަޝްރޫޢުގެ ދަށުން އާރުޓީއެލް ގެ ޚިދުމަތް ފުރަތަމަ ފެށީ ޒޯން 1 ގެ ހދ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ޚިދުމަތް ރަސްމީކޮށް ފެށީ މިއަހަރުގެ ޖޫން މަހުގެ 11 އެވެ.

އެއަށްފަހު ހއ. އަތޮޅުގައި ޖުލައި 3 ވަނަ ދުވަހު ރަސްމީކޮށް ފެށިއިރު، ށ. އަތޮޅުގައި މި ޚިދުމަތް ފެށީ މި ހިނގާ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހު އެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅި ރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރާނެ އެވެ.