English Edition
Dhivehi Edition

މިމަހުގެ 20 ގައި ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕުގެ މެޗުތައް ކުޅޭ ސްޓޭޑިއަމް ތަކުގައި ބަނގުރާ އެކުލެވޭ އެއްވެސް ބާވަތެއްގެ ބުއިމެއް ވިއްކުން މަނާކޮށްފިއެވެ.

ވޯލްޑް ކަޕް މުބާރާތް ފެށެން އެންމެ ދެ ދުވަހަށް ވެފައިވަނިކޮށް ބަނގުރާ ހިމެނޭ ބުއިންތައް ވިއްކުމަށް މަނާކޮށްފައި މިވަނީ ފީފާ އާއި ގަތަރުގެ ކަމާބެހޭ ފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

މިކަމާއި ގުޅިގެން ފީފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސްޓޭޑިއަމްތައް ހިމެނޭ ސަރަހައްދުތަކުގައި ރާ ވިއްކުން މަނާކަމުގައި ކަނޑައެޅިނަމަވެސް ފީފާ ފޭން ފެސްޓިވަލުން ރާ ލިބޭނެ ކަމަށާއި އަދި ލައިސަންސް ދޫކޮށްފައި ހުންނަ ތަންތަނުން ރާ ލިބޭނެކަމަށެވެ.

އަދި މީގެ އިތުރުން ބަނގުރާ ނުހިމެނޭ ބިޔަރުފަދަ ބުއިންތައް ސްޓޭޑިއަމް ސަރަހައްދުގައި ވިއްކުމުގައި މައްސަލައެއްނެތްކަމުގައިވެސް ފީފާގެ ބަޔާނުގައި ބުނެފައިވެއެވެ. ގަތަރާއި ފީފާއިން މަޝްވަރާކުރުމަށް ފަހު ނިންމި މި ނިންމުމާއި ގުޅިގެން ވޯލްޑް ކަޕް މެޗުތައް ބެލުމަށް ގަތަރަށް ގޮސްފައިވާ ދުނިޔޭގެ އެކި ގައުމުތަކުގެ ސަޕޯޓަރުން ދަނީ ފީފާ އަދި ހޯސްޓް ނޭޝަން ގަތަރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.