English Edition
Dhivehi Edition

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕޯލް ވެސްލީ ސްޓެފަންސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ރަސްމިއްޔާތަށްފަހު އޮސްޓްރޭލިއާގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުމަކީ ރާއްޖެއިން ވަރަށް އިސްކަންދޭ މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވި އެވެ. އަދި، އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ޤާއިމުކުރުމަށް ނިންމަވާފައިވާ ނިންމެވުމުގެ މައްޗަށް އަލިއަޅުވާލައްވައި ދެ ބޭފުޅުން ވަނީ މިކަމަކީ މިއީ ރައްޖެއާއި އޮސްޓްރޭލިއާގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަރައި ގޮސްފައިވާ މިންވަރު ދައްކުވައިދޭ ރަމްޒެއްގެ ގޮތުގައި ސިފާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އޮސްޓްރޭލިއާގެ ސަފީރާއި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން، ދެބޭފުޅުން ވަނީ މަތީ ތަޢުލީމާއި ގުޅޭގޮތުންނާއި، ފަތުރުވެރިކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުންނާއި، ކަނޑުމަތީގެ ސަލާމަތާއި، ބޯޑަރުތައް ހުރަސްކޮށް ހިނގާ ކުށްކުށާއި ގުޅޭގޮތުން، އަދި ތިމާވެއްޓާއި ގުޅޭގޮތުންނާއި، ކަނޑުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ނެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގަ އެވެ.