English Edition
Dhivehi Edition

ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ ފްރާންސަކީ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. 1950 ގެ އަހަރުތަކާއި، 1980 ގެ އަހަރުތަކާއި އަދި 1990 ގެ އަހަރުތަކަކީ އެޤައުމުގެ ރަންޖީލު އުފެދުނު ދުވަސްވަރެވެ. ނަމަވެސް އެ ޓީމަށް ވޯލްޑް ކަޕުގައި ކާމިޔާބީއަކާއި ހަމައަށް ދެވުނީ 1998 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގައެވެ. އެ މުބާރާތުގެ ޗެމްޕިއަން ކަން ފްރާންސުން ހޯދިއެވެ. އޭގެ ފަހުން 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވުނު މުބާރާތުގެ ފައިނަލަށް އެ ޓީމުން ދިޔައެވެ. ނަމަވެސް ޕެނަލްޓީގައި އިޓަލީ އަތުން ބަލިވީއެވެ. ފްރާންސްއަށް ފަހަކަށް އައިސް ލިބުނު އެންމެ ބޮޑު ނާކާމިޔާބަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ.

މިފަހަރުގެ މުބާރާތަށް އެޤައުމު ކޮލިފައިވީ ކޮލިފައިންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެޓީމު ހިމެނުނު ގުރޫޕް ޑީގެ އެއްވަނަ ހޯދައިގެންނެވެ. މި ގުރޫޕުގައި ކުޅުނު އަށް މެޗުގެ ތެރެއިން ފަސްމެޗުން މޮޅުވެ ތިން މެޗުން އެއްވަރުކޮށް ޖުމުލަ 18 ޕޮއިންޓް ހޯދިއެވެ.

ފްރާންސްގެ ކޯޗަކީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް އަދި ކޯޗެއްގެ ގޮތުގައި ވެސް ކާމިޔާބު ފަރާތެކެވެ. ފްރާންސްގެ ކޯޗަކީ އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގެ ތަށި އެޓީމަށް ހޯދައިދިން ޑިޑިއަ ޑެޝޯމްޕްއެވެ. ޑެޝޯމްޕް ފްރާންސްގެ ޓީމާއި ހަވާލުވީ 2012 ވަނަ އަހަރުގައެވެ. ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް އެންމެ ފުރަތަމަ ތަޖުރިބާއަކީ 2014 ގެ ވޯލްޑް ކަޕެވެ. އެ މުބާރަތުން ކާމިޔާބީއެއް ނުލިބުނަސް 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފްރާންސް ގެންގޮސްދިނެވެ. ފައިނަލުގައި ފްރާންސް ބަލިވީ ޕޯޗުގަލް އާއި ވާދަކޮށް 0-1 ގެ ނަތީޖާއިންނެވެ.

ފްރާންސް ޓީމަކީ ހުސް ތަރިންގެ ޓީމެކެވެ. ކޮންމެ ޑިޕާޓްމަންޓަކަށް ބަލާލިނަމަވެސް އެޓީމުގައި ތިބީ ފާހަގަ ކޮށްލެވޭ ތަރިންނެވެ. ޔޫރަޕްގެ ބޮޑެތި މަޝްހޫރު ކުލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ވޯލްޑް ކަޕުގައި ކުޅުނު ގިނަ ކުޅުންތެރިން މިފަހަރުގެ މުބާރާތުގައިވެސް ފްރާންސް ޓީމުން ފެނިގެން ދާނެއެވެ. އެގޮތުން ޕީއެސްޖީ ތަރި ކީލިއަން އެމްބާޕޭ، އެތްލެޓިކޯ މެޑްރިޑް ގެ އެންޓޮނިން ގްރީޒްމަން، ރެއާލް މެޑްރިޑްގެ ފޯވަޑް އަދި އެންމެ ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދި ކަރިމް ބެންޒެމާ ފަދަ ތަރިން ފްރާންސް ޓީމުން ފެނިގެން ދާނެއެވެ.

ގުރޫޕް ސްޓޭޖުގައި ފްރާންސް ކުޅެން ހަމަޖެހިފައިވާ މެޗުތައް

23 ނޮވެމްބަރ 2022 | ފްރާންސް – އޮސްޓްރޭލިއާ | 00:00

26 ނޮވެމްބަރ 2022 | ފްރާންސް – ޑެންމާކް | 21:00

30 ނޮވެމްބަރ 2022 | ޓިއޫނިޒިއާ – ފްރާންސް | 20:00