English Edition
Dhivehi Edition

ދުނިޔޭގެ ފެންވަރުގައި ބޭއްވޭ ބޮޑެތި މުބާރާތްތަކުގައި ޕޮލެންޑަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި އަބަދުވެސް ފާހަގެވެގެން ދާ ޓީމެކެވެ. 1921 ވަނަ އަހަރުން ފެށިގެން ޕޮލެންޑްގެ ބައިނަލްއަގުވާމީ ފުޓުބޯޅަ ފެށުނެވެ. މިހާތަނަށް އެގައުމުން ވަނީ އަށް ފަހަރެއްގެ މަތީން ވޯލްޑް ކަޕްގައި ކުޅެފައެވެ.

ޕޯލެންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1938 ވަނަ އަހަރެވެ. ފްރާންސްގައި އެ އަހަރު އޮތް މުބާރާތުގެ ފުރަަތަމަ ބުރުން ޕޯލެންޑް ކެޓީ އެވެ. އެއަށް ފަހު ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިވީ 1974 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތުގެ ތިން ވަނަ ޕޯލެންޑް ހޯދި އެވެ. އަދި 1978 ގައ އާޖެންޓީނާ އޮތް މުބާރާތުގައި ވެސް ވާދަކުރި އެވެ. އެކަމަކު އެ އަހަރުގެ މުބާރާތުން ޕޯލެންޑް ވަނީ ދެވަނަ ބުރުން ކަޓައިފަ އެވެ. އޭގެ ފަހުން އޮތް ދެ ވޯލްޑް ކަޕްގައި ވެސް ޕޯލެންޑް ވާދަކުރި އެވެ. ސްޕެއިންގައި 1982 ވަނަ އަހަރު އޮތް މުބާރާތުގެ ތިން ވަނަ ހޯދިއިރު މެކްސިކޯގައި 1986 ގައި އޮތް މުބާރާތުން ޕޯލެންޑް ކެޓީ ގަދަ 16ގެ ބުރުންނެވެ. މެކްސިކޯ ވޯލްޑް ކަޕަށް ފަހު ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިނުވެ، ތިން މުބާރާތެއް ދިޔަ އެވެ. ދެން ވާދަކުރީ 2002 ވަނަ އަހަރެވެ. އެ މުބާރާތާއި 2006 ގެ ވޯލްޑް ކަޕުން ވެސް ޕޯލެންޑް ކެޓީ ފުރަތަމަ ބުރުންނެވެ. އޭގެ ފަހުން ސައުތް އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި މުބާރާތާއި ބްރެޒިލްގައި 2014 ވަނަ އހަރު ބޭއްވި މުބާރާތައް ޕޮލެންޑް ކޮލިފައި ނުވެއެވެ. ނަމަވެސް އެންމެ ފަހުން 2018 ވަނަ އހަރު ރަޝިއާގައި ބޭއްވި މުބާރާތަށް ކޮލިފައިވިއެވެ. ނަމަވެސް އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ޕޮލެންޑް ކެޓިއެވެ.

ޕޮލެންޑް މިފަހަރުގެ މުބާރާތަށް ކޮލިފައިވީ ޕްލޭއޮފް ކުޅެގެންނެވެ. ޕްލޭއޮފްގައި ޕޮލެންޑުން ވާދަކުރަން ޖެހުނީ ރަޝިއާއާއެވެ. ނަމަވެސް ރަޝިއާއިން އިސްވެ ޔޫކްރެއިންނާއި ހަނގުރާމަ ފެށުމުން ދުނިޔޭގެ ފުޓްބޮޅައިގެ މައި ދިރާރާ ފީފާއިން ރަޝިއާ ފުޓްބޯޅައިން ސަސްޕެންޑް ކުރުމުން ޕޮލެންޑަށް ވޯލްޑް ކަޕުގެ އޮޓަމެޓިކް ޖާގައެއް ކަށަވަރުވީއެވެ.

ޕޮލެންޑް ކޯޗަށް ބަލާއިރު އެގައުމުގެ ކޯޗަކީ އެގައުމަށް އުފަން ޗެސްލޯ މިޗްނިއޭވިޗް އެވެ. އުމުރުން 52 އަހަރުގެ މިޗްނިއޭވިޗް ޕޮލެންޑުގެ ކޯޗުކަމާއި ހަވާލުވީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. 2003 ވަނަ އަހަރު ކޯޗިން ދާއިރާއަށް ނުކުތް މިޗްނިއޭވިޗް ވަނީ ޕޯލަންޑާއި ބެލަރޫސްގެ ގިނަ ކުލަބުތަކަކަށް ކޯޗުކޮށްދީފައެވެ. ޗެެސްލާވް ވަނީ އޭނާ ކޯޗު ކޮށްދިން ކުލަބު ތަކާއި އެކު ކާމިޔާބީތަކެއްވެސް ހޯދާފައެވެ. ޕޮލެންޑަކީ ޗެސްލާވް ކޯޗުކޮށްދޭ ފުރަތަމަ ސީނިއަރ ގައުމީޓީމެވެ.

މިޗްނިއޭވިޗްގެ އިރުޝާދުގެ ދަށުން ޕޯލަންޑް މިހާތަނަށް ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވީ 3 މެޗުންނެވެ. ތިން މެޗުން ބަލިވެފައިވާއިރު ދެމެޗުން ވީއެއްވަރެވެ. ޗެސްލޯއަށް މިފަހަރުގެ ވޯލްޑް ކަޕަކީ މުޅިން އައު ތަޖުރިބާއަކަށް ވާނެއެވެ.

މުހިންމު ކުޅުންތެރިންނަށް ބަލާއިރު، ޕޮލެންޑުގައި ވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ ކެޕްޓަން ރޮބަޓް ލެވެންޑޯސްކީއެވެ. މީގެ އިތުރުން އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ގޯލް ކީޕަރު ވޮއިޗެކް ސަޒްނީ، ޖެން ބެންޑަރެކް އަދި ގްރެގޯޒް ކްރިޗޯވިއާކް ގެ އިތުރުން ޕިއޮޓް ޒިއެލިންސްކީ އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

ގުރޫޕް ސްޓޭޖުގައި ޕޮލެންޑް ކުޅެން ހަމަޖެހިފައިވާ މެޗުތައް

22 ނޮވެމްބަރ 2022 | މެކްސިކޯ – ޕޮލެންޑް | 21:00

26 ނޮވެމްބަރ 2022 | ޕޮލެންޑް – ސައުދީ އަރަބިއާ | 18:00

1 ޑިސެމްބަރ 2022 | ޕޮލެންޑް – އާޖެންޓީނާ | 00:00