English Edition
Dhivehi Edition
ފޭދޫ ސްޕޯޓްސްގެ ސިދާމް ބޯޅަ ހފައިގެން ދުވަނީ، އޭއޯ ނިއުސް ފޮޓޯ ޢަލީ ނާޞިރު

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އަައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕު 2022 ގެ ސެމީގެ ދެވަނަ މެޗުން މޮޅުވެގެން ފޭދޫ ސްޕޯޓްސް ފައިނަލަށް ދަތުރު ކޮށްފިއެވެ.

އާދިއްތަ ދުވަހު ހަވީރު މެދުވަލު އެފްސީއާއި ދެކޮޅަށް ކުޅުނު މެޗު ފޭދޫ ސްޕޯޓްސް އިން ކާމިޔާބު ކުރީ 2-1 އިންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ފޭދޫ ސްޕޯޓުންނެވެ. އެގޮތުން މެޗުފެ ފުރަތަނަ ލަނޑު ޖަހާ ލީޑު ނެގީވެސް ފޭދޫ އެފްސީންނެވެ. އެޓީމުން ލަނޑު ޖެހީ މެޗުގެ ފުރަތަމަ ހާފު ނިމެން މަދު ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ޢަލީ ލިރުއާމެވެ.

މެޗުގެ ފުރަތަމަ ހާފު ފޭދޫ އެފްސީން ނިންމާލީ އެއް ލަނޑުގެ ލީޑަކާއި އެކުގައެވެ.

ލިރު އަތުން ބޯޅަ ހޯދަން މެދުވަލު ކުޅުންތެރިން މަސައްކަތް ކުރަނީ، އޭއޯ ނިއުސް ފޮޓޯ ޢަލީ ނާޞިރު

ދެވަނަ ހާފަށް މެދުވަލު ނިކުތީ ވަރުގަދަ ފޭދޫ ގެ ޑިފެންސް ފޫއަޅުވާލައި ލަނޑު ޖެހުމުގެ އުންމީދުގައެވެ. އެގޮތުން މި ހާފުގައި މެދުވަލު އެފްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެތީމުން ވަނީ ފޭދޫ އެފްސީގެ ގޯލަށް ނުރައްކާ ކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ފޯވާޑު ދަގަނޑޭ އަދި މުބާރާތުގައި ރީތި ލަނޑުތަކެއް ޖަހާފައިވާ ޗޯޓުގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.

ފޭދޫ ސްޕޯޓްސްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 59 ވަނަ މިނިޓުގައި ޔޫސުފް ސިދާމު ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑާ އެކު މެދުވަލު ޓީމަށް މެޗުގެ ޕުރެޝަރ ބޮޑުވެގެން ދިޔަތަން ފެނިގެންދިޔަައެވެ. އަދި އިތުރަށް ކުޅުން ވަރުގަދަ ކޮށް ފޭދޫ ގޯލަށް ދުރުން ހަމަލާތައް އަމާޒު ކުރަމުން ގެންދިޔައެވެ. ނަމަވެސް މެދުވަލު އެފްސީގެ ހަމަލާތަކުގެ ހުރަހަކަށް ވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފޭދޫގެ ކީޕަރެވެ. މި މެޗުގައި މެދުވަލު ޓީމުން ކާމިޔާބު ކުރި ހަމަ އެކަނި ލަނޑަކީ 90 މިނިޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ބޮންޑާ ކާމިޔާބުކޮށްދިން ލަނޑެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމުނީ 2-1 އިން ފޭދޫ ކުރީގައި އޮވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިން ފޭދޫ އެފްސީގެ އަލީ ލިރުއާމެވެ.

ލިރުއާމު ޓްރޮފީއާއި ހަވާލު ވަނީ، އޭއޯ ނިއުސް ފޮޓޯ ޢަލީ ނާޞިރު

މި މުބާރާތުގެ ފައިނަލަށް ފޭދޫ ސްޕޯޓްސް ދަތުރު ކޮށްފައިވާއިރު، ފައިނަލުގައި އަނެއްކޮޅުން ނިކުންނާނީ ބޭރުމަތި އެފްސީ އެވެ. ބޭރުމަތި ވަނީ 2019 ވަނަ އަހަރު މުބާރާތުގެ ފައިނަލުގައި ކުޅެގެން ފޭދޫ ސްޕޯޓްސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދީ ފޭދޫ ސްޕޯޓްސް އިން ވަނީ ޖެހިގެން އައި އަހަރު ގެ މުބާރާތުގައި މެދުވަލު އެފްސީ އަތުން މޮޅުވެ މުބާރާތުގެ ތަށި ނަގާފައެވެ. މި މުބާރާތުގެ ފައިނަލުގައި ފޭދޫ ސްޕޯޓްސް ނިކުންނާނި ޓައިޓްލް ދިފާޢު ކުރުމަށެވެ.

އައްޑޫ ފުޓުބޯޅާ ޗެމްޕިއަންޝިޕު 2022 ގެ ފައިނަލް މެޗު ކުޅޭނީ ނޮވެމްބަރު 16 ވާ ބުދަ ދުވަހު ހަވީރު 15:45ގައެވެ. ފައިނަލް މެޗުވެސް ކުޅެން ހަމަޖެހިފައިވަނީ އައްޑޫ ސީޓީ ސްޓޭޑިއަމުގައެވެ.

ފައިނަލް މެޗުގައި އައްޑޫ ސިޓީއަށް ނަން މަޝްހޫރު “ތަފާތު” ފުޑު ޓްރަކު ދަނޑުގައި އޮންނާނެވެ. ހާފު ޓައިމްގައި ފިނި ބުއިމެއް ބޯލުމަކީ ރަނގަޅު ކަމެކެވެ.

މި މުބާރާތުގެ ޓައިޓުލް ސްޕޮންސަރަކީ ހެޕީ މާކެޓް ޓްރޭޑިން އެވެ.