English Edition
Dhivehi Edition
- ސަން ފޮޓޯ

‘މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް’ (އެމްއެމްޑަބްލިއުއެމް) ގެ ފަރާތުން، މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވި ފަންޑަށް 142,765.72 ރުފިޔާ ލިބިއްޖެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

މި ފަންޑަކީ އެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް މި ދަނޑިވަޅުގައި ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި 48 ގަޑިއިރަށް ހުޅުވާލާ ފަންޑެކެވެ. މި ފަންޑުގެ އެހީގައި ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު 14 ބިދޭސީންނާއި، ނިޔާވި 10 ބިދޭސީންގެ އާއިލާތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެމްޑަބްލިއުއެމް އިން ބުނެއެވެ.

އެމްއެމްޑަބްލިއުއެމް ބުނީ ފަންޑު ހުޅުވާލިތާ 24 ގަޑިއިރު ތެރޭ 142,765.72 ރުފިޔާއާއި 693 ޑޮލަރު ލިބިފައިވާ ކަމަށެވެ. އެއީ ޖުމްލަ 153،442.78 ރުފިޔާއެވެ.

އެ ޖަމިއްޔާއިން ބުނީ ފަންޑުގެ ތެރެއިން، ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެ ދުށް އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދެވުމަކީ އެ ޖަމްޢިއްޔާގެ އެންމެ އިސް އަމާޒު ކަމަށެވެ. ވުމާއެކު އެ ފަންޑަށް ވީހާވެސް ގިނަ ބަޔަކު އެހީވުމަށް އެ ޖަމްޢިއްޔާއިން އެދެއެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ.ނިރުފެހިގެ (މ. ސެންޑްރޯޒްގެ ހުޅަނގު ބައި) ގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ގަރާޖުގެ މަތީގައި ލޭބާ ކުއާޓާސްގެ ގޮތުގައި ހަދާފައިވާ ދެ ބުރީގައި ކުދިކުދި ގޮޅިތަކެއްގައި ދިރިއުޅެމުން އައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެކެވެ. އެމީހުން ނިޔާވީ އަލިފާން ރޯވުމުން އެތަނުން ނިކުމެވޭނެ ގޮތެއްނުވެ، ތާށިވެގެންނެވެ.

އެ އަލިފާނުގެ ހާދިސާގެ ސަބަބުން މަރުވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު، ގައުމުތަކަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މަސައްކަތް ކުރަމުންދަނީ ފޮރިން މިނިސްޓްރީއާއި އިންޑިޔާ އަދި ބަންގްލަދޭޝްގެ އެމްބަސީ ގުޅިގެން ކަމަށެވެ.

އެ އިމާރާތުގައި 38 ބިދޭސީން އުޅެމުންދިޔައިރު އެ މީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބިދޭސީން ނިޔާވެފައި ވާއިރު ބައިނަލްއަޤުވާމީ މީޑިއާތަކުގައި ވެސް ވަނީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ހުންނަ ގޮތް ސަމާލުކަމަށް ގެނެސްފައެވެ.