English Edition
Dhivehi Edition

ރޭ މެންދަމު 12:30ހާއިރު މ. ނިރުފެހީގެ ތިރީގައި ހުރި ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންނަކީ ކާކުކަން ދެނެނުގަނެވޭ ވަރަށް އަނދާފައިވާ ކަމަށް ސިފައިން ބުނެފިއެވެ.

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ޖުމްލަ 10 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އިންޑިއާ އާއި ސްރީލަންކާގެ އިތުރުން ބަންގަލަދޭޝް މީހުން ހިމެނެއެވެ. މި ހާދިސާ އާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ ކާނަލް، އިބްރާހީމް ރަޝީދު ވިދާޅުވީ މަރުވި މީހުންގެ ޖިންސު ވެސް ވަކި ނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާގައި މަރުވި ބައެއް މީހުންގެ ހަށިގަނޑުގެ ގުނަވަންތައް ވެސް ވަކިވެފައިވާއިރު މަރުވި މީހުންގެ ހަށިގަނޑުތައް ނެރެފައި ވަނީ ބޮޑީ ބޭގަށް އަޅައިގެންނެވެ. ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ސިފައިންނާއި ފުލުހުން އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު ކަމާއި ގުޅޭ އިދާރާތަކުން ވަނީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މި ހާދިސާގައި ފިހުނު ފިރިހެނަކަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު މިހާތަނަށް 14 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.