English Edition
Dhivehi Edition
މާލެ އަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެފައި / ފޮޓޯ: ވަގުތު އިމޭޖަސް:

މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުންވި 57 ގެއެއްގެ އެސެސްމަންޓް ހަދާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން، (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެ ސަރަހައްދުގައި ފެން ބޮޑުވުމުގެ ސަބަބުން ދިވެހި ސިފައިންނާއި ދިވެހި ފުލުހުން އަދި ދިވެހި ރެޑްކްރެސެންޓްގެ ހޮޓްލައިންތަކަށް 98 ކޯލް ލިބުނުކަމަށެވެ. އެގޮތުން ވެލިބަސްތާ ޖައްސާދިނުމަށް އެދި 70 ކޯލް، ގެއްލުންތައް ރިޕޯޓްކުރުމަށް 21 ކޯލް އަދި ސީދާ ޒަރޫރީ އެހީތެރިކަމަށް އެދި 7 ކޯލް ލިބިފައިވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެންޑީއެމްއޭ އިން ބުނީ ވިއްސާރާގައި އަވަސް އެހީތެރިކަން ބޭނުންވާކަމަށް ފާހަގަކުރެވުނު 12 ގޭބިސީއެއްގެ ރެޕިޑް އެސެސްމަންޓް، ދިވެހި ރެޑްކްރެސެންޓްގެ އެހީތެރިކަމާއެކު ހެދުންކަމަށެވެ. މީގެ ތެރެއިން 8 ގޭބީސީއެއްގެ 32 މީހުން އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖައްސަވައިދެވުންކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އަދި މިހާރު އެ ފަރާތްތަކުގެ ދިރިއުޅުން އާންމު ހާލަތަކަށް ރުޖޫއަވެފައިވާކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

މި ހާދިސާ އާއި ގުޅިގެން މާލެއިން އެސެސްމަންޓް ހަދަންޖެހޭކަމަށް ފާހަގަކުރެވުނު 30 ގެއެއްގެ ޑެމޭޖް އެސެސްމަންޓް ހަދާފައިވާކަން ހާމަކޮށް އެންޑީއެމްއޭ އިން ބުނީ މިގެތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ގިނައިން ފާހަގަކުރެވިފައިވަނީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތައް ކަމަށެވެ. އަދި އިމާރާތުގެ ސީލިންގ ލިބިފައިވާ ގެއްލުންތައްވެސް ފާހަގަކުރެވިފައިވާކަމަށް އެ އެތޮރިޓީން ވަނީ ބުނެފައެވެ.