English Edition
Dhivehi Edition

އެމެރިކާ އެންމެ ފުރަތަމަ ކުޅުނީ 1934 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕުގައެވެ. އެއީ ވޯލްޑް ކަޕު މުބާރާތެއްގައި އެމެރިކާގެ ފުރަތަމަ ފެނިލުމެވެ. އެ މުބާރާތުގެ ދެވަނަ ބުރަށް އެމެރިކާ ދިޔައިރު، ދެވަނައަށް އެގައުމު ވާދަކުރި 1950 ވަނަ އަހަރުގެ މުބާރާތުގައެވެ. މި މުބާރާތުން އެޓީމު ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އޭގެ ފަހުން 1990 ވަނަ އަހަރު އިޓަލީގައި ބޭއްވުނު މުބާރާތާއި ހަމައަށް އެ ގައުމު ކޮލިފައި ނުވެއެވެ. ވޯލްޑް ކަޕް މުބާރަތަކަށް ކޮލިފައި ނުވެ ދިގު މުއަދްތެއް ހޭދަކުރުމަށް ފަހު 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތުގައި ވާދަކުރިއިރު، އެ މުބާރާތުން ވެސް އެމެރިކާ ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

1990 ވަނަ އަހަރުގެ މުބާރާތުން ފެށިގެން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތާއި ހަމައަށް އެމެރިކާ ގަވައިދުން ވޯލްޑް ކަޕުގައި ކުޅުނެވެ. ނަމަވެސް އެމެރިކާއަށް އެންމެ ދުރައްވެސް ދެވިފައިވަނީ 2002 ވަނަ އަހަރު ޖަޕާން އަދި ކޮރެއާގައި ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލާއި ހަމައަށެވެ. މިއީ ވޯލްޑް ކަޕުގައި އެ ޓީމަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.

އެމެރިކާ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އެ ސަރަހައްދުގެ ކޮލިފައިން ފަހު ފަހުބުރުގައި ކުޅުނު 14 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ، ހަތަރު މެޗުން އެއްވަރުވެ ތިން މެޗުން ބަލިވެ ޖުމުލަ 25 ޕޮއިންޓާއި އެކު އެޓީމު ހިމެނުނު ގުރޫޕުގެ ތިންވަނަ ލިބިގެންނެވެ. އެމެރިކާގެ ފަހަތުން ހަތަރުވަނަ ލިބުނު ކޮސްޓަ ރީކާ އަށް ވެސް 25 ޕޮއިންޓް ލިބުނުއިރު، އެމެރިކާއަށް ކުރި ލިބުނި ފައިދާ ގޯލުންނެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ނިކުންނަ އެމެރިކާ ޓީމުގެ ކޯޗަކީ އެމެރިކާއަށް އުފަން އުމުރުން 49 އަހަރުގެ ގްރެގް ބްރްހޯލްޓާއެވެ. ކްރިސްޓަލް ޕެލަސް އާއި އެލްއޭ ގެލެކްސީފަ ކުލަބުތަކަށް ކުރިން ކުޅެފައިވާ ބްރްހޯލްޓާ ކޯޗިން ދާއިރާއަށް ނިކުތީ 2011 ވަނަ އަހަރު އޭނާގެ ކުރިގެ ކުލަބު އެލްއޭ ގްލެކްސީއަށެވެ. އޭގެ ފަހުން އެމެރިކާ ލީގުގެ ބައެއް ކުލަބުތަކަށް ވެސް ކޯޗު ކޮށްދިނެވެ. ބްރްހޯލްޓާ އެމެރިކާ ޓީމާއި ހަވާލުވީ 2018 ވަނަ އަހަރުގައެވެ. އޭނާ ވަނީ 2020 ވަނަ އަހަރު ކޮންކާކަފް ނެޝަންސް ލީގާއި 2021 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕް ޗެމްޕިއަންކަން އެމެރިކާ ޓީމަށް ހޯދައިދީފައެވެ.

ކުޅުންތެރިންނަށް ބަލާއިރު، އެމެރިކާ އަކީ ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ތިބި ގައުމެކެވެ. އެގޮތުން އެ ގައުމުގައި ގިނައީ ޔޫރަޕްގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ސާޖިއޯ ޑެސްޓް، ޗެލްސީއަށް ކުޅެމުން އަންނަ ކްރިސްޓިއަން ޕްލިސިޗް، ޔުވެންޓަސް އަށް ކުޅެމުން އަންނަ ވެސްޓަން މެކެނީ، ވެލެންސިއާއަށް ކުޅެމުން އަންނަ ޔޫނުސް މޫސާ އަދި ނެދަލެންޑްސްގެ ގްރޮއިންޖެން އަށް ކުޅެމުން އަންނަ ރިކާޑޯ ޕެޕީ އަކީ ފާހަގަ ކޮށްލެވޭ ކުޅުންތެރިންނެވެ.

ގުރޫޕް ސްޓޭޖުގައި އެމެރިކާ ކުޅެން ހަމަޖެހިފައިވާ މެޗުތައް

22 ނޮވެމްބަރ 2022 | ޔޫއެސްއޭ – ވޭލްސް | 00:00

26 ނޮވެމްބަރ 2022 | އިންގްލެންޑް – ޔޫއެސްއޭ | 00:00

30 ނޮވެމްބަރ 2022 | އިރާން – ޔޫއެސްއޭ | 00:00