ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުން އެމްޑަބްލިއުއެސްސީގެ މުވައްޒިފުނަށް އަޅަން ނިންމި ފްލެޓްތަކަކީ ބޮޑު އޮޅުވާލުމެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ ދެ ޓަވަރު އަޅާގޮތަށް މިދިޔަ ސަރުކާރުން ސޮއި ކޮށްފައިވީ ނަމަވެސް މުވައްޒަފުންގެ ތަރުހީބު ނުލިބުމުން އެއް ޓަވަރަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށާއި، ދެ ޓަވަރު އެޅުމަށް ނިންމާފައިވަނީ އެއްވެސް ކަހަލަ ޕްލޭނެއް ނެތި ކަމަށެވެ.
“ހަމަ ސީދާ [ރިޔާސީ] ކެމްޕެއިންއާ ދިމާކޮށް، ފައިސާވެސް ނުހޯދާ އެމްޑަބްލިއުއެސްސީގެ މުވައްޒިފުންގެ އަތުން އެޑްވާންސްކޮށް ފައިސާ ނަގައިގެން ފައުންޑޭޝަން އަޅާފައި އެއޮތީ ބާއްވާފައި. އެމްޑަބްލިއުއެސްސީގެ ނެތް މުޅި ތަން ނިންމާނެހާ ފައިސާއެއް. އެހެންވީމާ ސީދާ މުވައްޒިފުންނަށް އޮޅުވާލަން ކޮށްފައި އޮތް ކަމަށްކަށް ނޫންތޯ މިކަން ހިނގައިގެން މި ދިޔައީ،” އާޒިމް ވިދާޅުވި އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި “ހިޔާ” ޕްރޮގްރާމްގެ ދަށުން އެމްޑަބްލިއުއެސްސީގެ މުވައްޒިފުންނަށް ހާއްސަ 15 ބުރީގެ ދެ ޓަވަރުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ފެބްރުއަރީ މަސްތެރޭގައެވެ.