އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގައި ފޭދޫ ސްޕޯޓްސް އަދި އެފްސީ ބޭރުމަތި ބައްދަލު ކުރި މެޗުން 2-1 އިން އެފްސީ ބޭރުމަތި މޮޅުވެ، މުބާރާތުގެ ސެމިފައިނަލަށް ދަތުރުކޮށްފިއެވެ.
ކުޅުނު 3 މެޗުން 6 ޕޮއިންޓާއެކު ސެމީ ފައިނަލަށް ބޭރުމަތި ދަތުރު ކޮށްފައިވާއިރު، ފޭދޫ ސްޕޯޓްސް ވެސް ވަނީ ސެމީފައިނަލުން ޖާގަ ކަށަވަރު ކޮށްފައެވެ. މި ގުރޫޕުގައި ދެން ކުޅޭނީ އެފްސީ ބޭރުމައްޗާއި ކުލަބު ލޮތާރި އެވެ. މިއީ މި ދެ ޓީމު ބައްދަލު ކުރާ ދެވަނަ ފަހަރެވެ. ފުރަތަމަ ކުރިމަތިލުމުގައި ބޭރުމަތިން ވަނީ ލޮތާރި ޓިމުގެ ގޯލަށް 8 ލަނޑު ވައްދާފައެވެ. މި މެޗުން ބޭރުމަތި މޮޅުވެއްޖެނަމަ ޓޭބަލްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދާނެއެވެ. މި މެޗުން ލޮތާރި މޮޅުވިޔަސް 3 ޕޮއިންޓާއެކު އޮންނާނީ ގުރޫޕުގެ 3 ވަނައިގައެވެ. މިހާރު ގެ ނަތީޖާއަށް ބަލާއިރު އެއް ވަނައިގައި އޮތް ފޭދޫ ސްޕޯޓްސް 4 މެޗު ކުޅެގެން 9 ޕޮއިންޓާއެކު ދެ ވަނަައިގައި 6 ޕޮއިންޓާއެކު ބޭރުމަތި އޮތް އިރު ދެ ޓީމު ދެމެދު ހުރީ އެންމެ 2 ގޯލުގެ ފަރަގެކެވެ.
އިއްޔެ ހަވީރު އައްޑޫ ސްޓޭޑިއަމުގައި ކުޅުނު ފޯރިގަދަ މެޗުގައި ދެ ޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފޭދޫ ސްޕޯޓްސް ގިނަ ހަމަލާތަކެއް ފުރަތަމަ ހާފުގައި ފޮނުވިއެވެ. އެގޮތުން މެޗުގެ 22 ވަނަ މިނިޓުގައި ފޭދޫ ޓީމުން މެޗު ގެ ލީޑު ނެގިއެވެ. ޔޫސުފް ސިދާމް އަލީ ކާމިޔާބު ކޮށްދިން ލަނޑާއެކު ފޭދޫ ސްޕޯޓްސް އިން އިތުރަށް އެޓޭކަށް އެރިއެވެ. ނަމަވެސް އިންޓޭ ގެ ހިތްގައިމު ލަނޑާއެކު ފުރަތަމަ ހާފުގައި މެޗު ވަނީ އެއްވަރު ވެފައެވެ.
ދެ ޓީމުންވެސް ދެވަނަ ހާފަށް ނިކުތީ ނަތީޖާ ބަދަލު ކޮށްލުމަށެވެ. އެގޮތުން ދެ ޓީމުގެ ކީޕަރަށް ނުރަކާތެރި ހަމަލާ ފޮނުވަމުން ދިއިރު ކީޕަރުގެ ހުށިޔާރު ކަމުން ގޯލުގެ ތެރެއަށް ފޮނުވާލުން ދެ ޓީމަށް ވެސް ވެގެން ދިޔައީ އުދަގު ކަމަކަށެވެ. އަދި މެޗުގެ 60 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ބޭރުމައްޗަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގައިދިނީ މުހައްމަދު ތިލްމީޒެވެ.
ދެވަނަ ހާފު ބޮޑަށް ޑޮމިނޭޓްކޮށް ގިނަ ހަމަލާތައް އުފައްދާފައިވަނީ ބޭރުމަތިންނެވެ. އަދި ލިބުނު ގިނަ ފުރުސަތު ތަކުގެ ބޭނުން އެދެވޭ ގޮތަކަށް ހިފިފައި ނުވެއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިންޓޭ އެވެ. އިންޓޭ އަކީ ބޭރުމަތި ޓީމުގެ ފޯވާޑު ލައިނުގައި އެން ގޯލާއި ރައްޓެހި އެކަކެވެ. ފަހަތުން އަރާ ދެ ލަނޑު ޖަހައި ބޭރުމަތިން މެޗު ކާމިޔާބު ކުރީ 2-1 އިންނެވެ.
މި މުބާރާތުގެ މެޗެއް މިއަދުވެސް ކުޅޭނެއެވެ. މިއަދު ގެ މެޗުގައި ބައްދަލު ކުރާނީ ގުރޫޕް ބީގެ އެފްސީ އަފިރިންނާއި މަރަދޫ އެފްސީ އެވެ.
މިހާތަނަށް ލިބިފައިވާ ޕޮއިންޓަށް ބަލާއިރު އެފްސި އަފިރިން މި މެޗުން މޮޅު ވުން ވަރަށް މުހިންމެވެ. ސެމީ ފައިނަލުން ޖާގައެއް ހޯދަން އެ ޓީމަށް ލިބޭ ހަމަ އެކަނި ފުރުސަތަކީ މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށް މި ގުރޫޕުގައި އެންމެ ފުލުގައި އޮތް ފާހި ސްޕޯޓްސްގެ ފަހު މެޗުން މެދުވަލު އެފްސީ މޮޅު ވުމެވެ. އެ މެޗުން ފާހި މޮޅު ވެއްޖެނަމަ ފާހި ސެމީ އަށް ދާނެއެވެ. މެޗު އެއްވަރު ވެގެން ޗާންސް އޮތީ އަފިރިންނަށެވެ.
މި މުބާރާތުގެ ޓައިޓުލް ސްޕޮންސަރަކީ ހެޕީ މާކެޓް ޓްރޭޑިން އެވެ.