މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އައްޑޫގެ އިސްރަށްވެހިންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އައްޑޫސިޓީގެ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ޕެންޝަން އޮފީހުން އިއްޔެ ބޭއްވި މި ބައްދަލުވުން އޮތީ އައްޑޫސިޓީ ގަމުގެ އީކުއޭޓަރ ވިލެޖުގައެވެ.
ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން ޕެންޝަން އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.
އިސްރަށްވެހިންނާ ބައްދަލުކޮށް އެފަރާތްތަކުގެ ހާލު އަހުވާލު ބެލުމާއި އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު ގާތުން ފޯރުކޮށްދިނުމުގެ މަގްޞަދުގައި ހިންގި މި ޕްރޮގްރާމުގައި މިނިސްޓްރީއޮފް ޖެންޑަރ އެންޑް ފެމެލީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، މޯލްޑިވިއަން ރެޑް ކްރެސެންޓް، އިސްރަށްވެހިންގެ ޖަމިއްޔާ، އެންސްޕާ އަދި ހިއުމަށް ރައިޓްސް އިން ވަނީ ބައިވެރިވެފައެވެ. އަދި އެ މުވައްސަސާތަކުން އިސްރަށްވެހިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަން ފާހަގަކުރުމާއި މައުލޫމާތު ދިނުންވެސް މި ޕްރޮގްރާމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެކިއެކި މުވައްސަސާއިން މައުލޫމާތު ދިނުމުގެ އިތުރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ ހެލްތް ސްކްރީނިން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
މިއާއެކު އައްޑޫސިޓީގައި މިވަގުތު ހުރި އެންމެ އުމުރުން ދޮށީ ފަރާތަށް ވެސް ޕެންޝަން އޮފީހުގެ ފަރާތުން ވަނީ ހަދިޔާ ދީފައެވެ.
“މިއީ ވަރަށް ރަނގަޅު ކަމެއް. އަހަރެމެންނަށް ގިނަ ދުވަސްތަކަކަށް ފަހު ގެއިން ބޭރަށް ނިކުމެލައި ކުރީގެ ރަޙްމަތްތެރިންނާ ބައްދަލުވެ ވާހަކަ ދައްކާލަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް މިއީ. މިއީ ވަރަށް ޚާއްޞަ ދުވަހެއް. އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން މިފަދަ ގިނަ ޕްރޮގްރާމު ހިންގަންވީ. ” ޕްރޮގްރާމުގައި ބައިވެރިވި އިސް ރަށްވެއްސަކު ކިޔައިދިނެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އީކުއޭޓަރ ވިލެޖަށް އައި ހުރިހާ އެންމެންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. ޒަމާންތަކަކަށް ފަހު އެކު އުޅުނު ރަޙްމަތްތެރިންނާއި ބައްދަލުވެ ހާލު އަހުވާލު ބަލައި ފޯން ނަމްބަރު ބަދަލުކޮށް ހެދިތަން ވެސް ފެނިގެން ދިޔައެވެ. އަދި އީކުއޭޓަރ ވިލެޖްގެ އަތިރިމަތީގައްޔާއި ޕޫލް ކައިރީގައި ތިބެ ރަޙްމަތްތެރިންނާއެކު ސެލްފީ ނަގަމުން ދިޔަ މީހުން ވެސް ފެނިގެން ދިޔައެވެ.
މިއީ މިފަހުން އައްޑޫގައި ބޭއްވި މިފަދަ ޕްރޮގްރާމަކަށް މީހުން އެންމެ ގިނައިން ހާޒިރުވި ޕްރޮގްރާމުކަން ފާހަގަކޮށްލެވެއެވެ.
ޕެންޝަން އޮފީހުން ބުނީ މިފަދަ ޕްރޮގްރާމެއް ހުޅުމީދޫގައި ބޭއްވުމަށް އެ އޮފީހުން އަދި އައްޑޫއަށް އެނބުރި އަންނާނެ ކަމަށެވެ.