ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީ ފޭދޫގައި “އިސްރަށްވެހިންގެ ހިޔާވަހި” ގެ ނަމުގައި އިމާރާތެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
އިސްރަށްވެހިންގެ ހިޔާތައް ޤާއިމުކުރުމުގެ މަސައްކަތަކީ އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އެހީތެރިކަން ބޭނުންވާ މީހުންނަށް ދަޢުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކުރަން ނިންމާފައިވާ މަރުކަޒުތަކެކެވެ.
އެގޮތުން އައްޑޫ ސިޓީގައި “އިސްރަށްވެހިންގެ ހިޔާވަހި” ބިނާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ މޭ މަހު ނިންމަވާފައެވެ.
މާލެ ފިޔަވައި އަތޮޅުތަކުގައި އަޅާ މިފަދަ ފުރަތަމަ މަރުކަޒު އައްޑޫ ސިޓީ ފޭދޫގައި އެޅުމަށް، އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރައިން ހުޅުވާލާފައިވަނީ، ޑިޒައިން، ބިލްޑް، ފައިނޭންސް އެންޑް އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލަށެވެ. މި ޕްރޮޖެކްޓް ހިންގާނީ ދަޢުލަތުން ޚަރަދުކޮށްގެންނެވެ. މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބިޑްގައި ރަޖިސްޓަރ ކުރެވޭނެއެވެ.
“އިސްރަށްވެހިންގެ ހިޔާވަހި” އަކީ ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ހަދާ ތަނެކެވެ.