English Edition
Dhivehi Edition

އައްޑޫސިޓީއަކީ އެކި ދާއިރާތަކުން އެންމެ ފަންނީ މީހުން ތިބި ތަން ކަމަށާއި އެ މީހުން މި ސަރުކާރާ ކުރަންޖެހޭ ސުވާލަކީ މިހާ ދަށަށް އެ ތަނުގެ ހާލަތު ވައްޓާލީ ކީއްވެތޯ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހާރު އައްޑޫސިޓީއަށް ކުރައްވަވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަވައި ދެއްކެވި ވާހަކަފުޅުގައި ވަނ\ީ އައްޑޫ ތަރައްގީ ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް ސިޓީގެ މީހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފޭދޫގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް، އިއްޔެ ހަވީރު ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކަށް ފަހު، އެ ސިޓީން މާބޮޑު ކަމެއް ފެންނަން ނެތް ކަމަށް ވިދާޅުވެ، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން އައްޑޫސިޓީގެ ޓޫރިޒަމުގެ ހާލަތަށް އަލިއަޅުވައި ލައްވަވައި ޔާމީން ވިދާޅުވީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫގައި ޓޫރިޒަމް ނެތުމުން އެކަން ނުކުރެވި އޮތީ ޝަންގްރިއްލާ އާއި ހެރަތެރަ، ދިވެހިރާއްޖެއާ މާދުރުގައި އޮތުމުން ކަމަށެވެ.

“ހަތަރު ބައްރުން މި ތަނަށް ޖެޓްތައް އަންނައިރު ހަމައެކަނި މައްސަލައަކީ ޝަންގްރިއްލާ އާއި ހެރަތެރަ މި އޮތީ ދިވެހިރާއްޖެއާ މާދުރުގައި. އެހެންވީމާ ކިހިނެއް އެނދުތައް ފުރާނީ؟،” ސަމާސާ ރާގަކަށް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމީން ވަނީ އައްޑޫގެ ސިއްޙީ ޙާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވަވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓް ބޭއްވުމަށް ހިތަދޫގައި ހެދި އިކުއިޓޯރިއަލް ވިލެޖަކަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވިއިރު އެތަން އޮތީ “ދެބައި ކުޅަ އެއްބައި ގަނބައި ފަނި އަޅާފައި” ކަމަށެވެ.

ޔާމީން ވިދާޅުވީ އިކުއިޓޯރިއަލް ވިލެޖަކީ އައްޑޫގެ މީހުންނަށް ބޭނުން ހިފޭ ތަނަކަށް ހެދުމަށް އެ މަނިކުފާނުގެ ވެރިކަމުގައި އެތަން ހޮސްޕިޓަލަކަށް ހެދުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ސާމާނެއް އެ މަނިކުފާނުގެ ވެރިކަމުގައި ހަމަކުރި ކަމަށާއި އެކަަމަކު އެވަރު ކޮށްދިނުމުން ވެސް އެތަނުގެ ބޭނުން ހިފަން މި ސަރުކާރަށް ނޭނގުމަކީ އެ މަނިކުފާނުގެ މައްސަލައެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

“އެ މީހުންގެ ޒިންމާއެއް އެބައޮތެއް ނޫންތޯ. މިއަދު މިއީ ޒަވާބުދާރީ ކުރަންޖެހޭ ދުވަސް،” މިހާރުގެ ސަރުކާރަށް އަމާޒު ކުރައްވައި އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.