އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު މިއަދު މަގާމުން ވަކިކުރުމާ ގުޅިގެން އެ ސްކޫލު ހިންގުން ވަގުތީ ގޮތުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ އެޑިއުކޭޝަން މިނިސްޓްރީން ހަވާލު ކޮށްފި އެވެ.
އަރަބިއްޔާގެ ހިންގުން އެހެން ސްކޫލެއްގެ ޕްރިންސިޕަލަކާ ހަވާލުކުރީ، އަރަބިއްޔާ ހިންގުމުގައި ހަތަރު އަހަރު ވަންދެން ހުންނެވި ޝުޖާއު އެ މަގާމުން ވަކިކޮށް، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރުމަށް ފަހު އެވެ.
އަރަބިއްޔާ ސްކޫލު ހިންގުމާ ވަގުތީ ގޮތުން ހަވާލުވި، ހުސައިން ސައީދަކީ ތައުލީމީ ދާއިރާގައި މިހާރު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޕްރިންސިޕަލެވެ. އޭނާ ވަނީ މާލޭގެ ބައެއް އެހެން ސްކޫލުތަކަށް މީގެ ކުރިން ގެނައި އިދާރީ ބަދަލުތަކާ ގުޅިގެން ވެސް އެ ތަންތަނުގެ ވަގުތީ ޕްރިންސިޕަލްކަން ކުރައްވައިފަ އެވެ.
އައްޑޫސިޓީ ފޭދު އަށް އުފަން ހުސައިން ސައީދު، ތައުލީމީ ދާއިރާގައި 24 އަހަރު ހޭދަކުރައްވާފައިވާއިރު، ޕްރިންސިޕަލްކަން ކުރައްވާތާ މިހާރު 19 އަހަރު ވެއްޖެ އެވެ. އޭނާ ޕްރައިމަރީ އާއި ސެކަންޑަރީ ޓީޗިން އިން ޑިގްރީ ހާސިލު ކުރެއްވީ މިސްރުގެ އަޒްހަރު ޔުނިވާސިޓީންނެވެ. އެޑިއުކޭޝަނަލް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ހެއްދެވީ އިންޑިއާގެ މައިސޫރު ޔުނިވާސިޓީންނެވެ.
އެ މިނިސްޓްރީން މިރޭ ބުނީ، އެ އިދާރީ ބަދަލު ގެނައީ އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް، ކުދިންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވާއި އިންތިޒާމު ކުރުމަށް ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ ހައްގުތައް ހޯދުމަށް ސޯޝަލް މީޑީއާގައި ވަކާލާތުކުރަމުން އަންނަ “ސޭވް އަރަބިއްޔާ” ޕޭޖުގައިވާ ގޮތުން ޝުޖާއު، ޕްރިންސިޕަލުގެ މަގާމުން ވަކިކުރީ ބެލެނިވެރިން ފަށާފައިވާ “ސޭވް އަރަބިއްޔާ” ކެމްޕެއިން ހުއްޓުވަން އޭނާ މަސައްކަތް ނުކުރައްވާތީ އާއި އެ މައްސަލާގައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުގެ ސަބަބުންނެވެ.
އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން އެކަން ދޮގުކުރެ އެވެ. މިނިސްޓްރީން ބުނާ ގޮތުގައި ސިވިލް ސާވިސް ގަވާއިދާ އެއްގޮތަށް ޝުޖާއު ބަދަލުކުރީ ސްކޫލު ހިންގުމަށް ގެންނަ އިދާރީ ބަދަލަކާ ހުރެ އެެވެ.
އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސެވީ 2018 ވަނަ އަހަރު އެވެ. އޭނާގެ ޕްރިންސިޕަލް ކަމުގައި އަރަބިއްޔާއަށް ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ.