English Edition
Dhivehi Edition

ކޮޕް27 ގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ސްރީލަންކާ ތަމްސީލު ކުރެއްވިދާނެ ކަމަށް ބުއްދިއަކަށް ގަބޫލެއް ނުކުރެވޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާކަން ވެސް ކުރައްވާ ރޮޒެއިނާ ވިދާޅުވީ ނަޝީދު އެ ކުރައްވަނީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން އެހެން ގައުމެއް ތަމްސީލު ކުރެއްވިދާނެތޯ ރޮޒެއިނާ ވަނީ ބަންޑާރަ ނައިބު ކުރެން އައްސަވައިފައެވެ.

މޫސުމީ ތަނަވަސްކަމުގެ ގައުމީ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން ބާއްވާ ކޮޕް27ގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާއިރު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެމަނިކުފާނަށް ލަފާ ދެއްވާ މުޝީރަކަށް، ނަޝީދު ހަމަޖައްސަވައިފައެވެ.

މިސްރުގައި ބާއްވާ މި ސަމިޓުގައި ނަޝީދު ބައިވެރިވެ ވަޑައިގަންނަވާތީ އެކަމާއި ނުރުހުން ފާޅުކުރައްވަވައި ރޮޒެއިނާ ވިދާޅުވީ ނަޝީދު އަށް އެގޮތަށް ބައިވެރިވެ ވަޑައިގެންނެވޭނަމަ ރައީސުލްޖުމްހޫރިއްޔާއަށް ވެސް އދ. އަށް ލަންކާ ތަމްސީލް ކުރައްވަން ވަޑައިގެންނެވިދާނެ ކަމަށެވެ.

ރޮޒެއިނާގެ އިތުރުން، މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ވެސް ވަނީ އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ އެއްވެސް މެންބަރަކަށް މެންބަރުކަން ފިޔަވާ އެއްވެސް ދައުލަތެއްގެ އެއްވެސް ވަޒީފާއެއް އަދާކުރުން ގާނޫނު އަސާސީން މަނާކޮށްފައިވާ ކަމަށެވެ.

އިއްޔެއިން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ރައީސް ނަޝީދު މިސްރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 27 ވަނަ ކޮންފެރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް27) ގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައެވެ.

މި ހަރަކާތުގައި މޫސުމީ ތަނަވަސްކަމުގެ ގައުމީ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލާއިރު، މިބައްދަލުވުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަދި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވާ އިންތިޒާމު ކުރާ ބައްދަލުވުމެކެވެ.