ގއ. ވިލިނގިލި އިންޓަރ އޮފީސް ބަށި މުބާރާތުގައި ގއ.އަތޮޅު ތަޢުލީމީ މަރުކަޒު އަދި ގއ. އަތޮޅު ހޮސްޕިޓަލް ފައިނަލަށް ހޮވިއްޖެއެވެ.
ވިލިނގިލީގައި ކުރިއަށްދާ އިންޓަރ އޮފީސް ބަށި މުބާރާތުގެ ފަސްވަނަ އަދި ހަވަނަ މެޗް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފަސްވަނަ މެޗް އިއްޔެ ހަވީރު ކުޅެފައިވާއިރު، ފަސްވަނަ މެޗްގައި ބައްދަލްކޮށްފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލާއި ޓީމް ފެނަކަ އެވެ. ޓީމް ފެނަކަ 8 ލަނޑު ހޯދާފައިވާއިރު، އަތޮޅު ހޮސްޕިޓަލް ވަނީ 15 ލަނޑު 06 ފޯލިން ޓީމް ފެނަކަ ބޮޑު ތަފާތަކުން ބަލިކޮށް ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ އަޒީމާއެވެ.
އަދި މީގެ އިތުރުން މި މުބާރާތުގެ ހަވަނަ މެޗް މިއަދު ހެނދުނު ކުޅެފައިވާއިރު، މި މެޗްގައި ބައްދަލްކުރީ ވިލި ޕޮލިސް ކްލަބާއި ގއ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. ވިލި ޕޮލިސް ކްލަބް 06 ލަނޑު 12 ފޯލި ހޯދާފައިވާއިރު، އަތޮޅު ތަޢުލީމީ މަރުކަޒު ވަނީ 11 ލަނޑު 03 ފޯލިން ކުރި ހޯދައި ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ ސަފީނާޒް އެވެ.
މި މުބާރާތުގައި ޖުމްލަ 04 ޓީމެއް ވާދަކުރެއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 04:00 ޖަހާއިރުއެވެ.