English Edition
Dhivehi Edition
ވިލިނގިލީގައިބާއްވާ ނެޓްބޯލް މުބާރާތެއްގެ ތެރެއިން.

2022 ވަނަ އަހަރު ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ގއ.ވިލިނގިލީ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ފުރަތަމަ މުބާރާތް “އިންޓަރ އޮފީސް ނެޓްބޯލް ޓޯރނަމެންޓް 2022” ގައި ބައިވެރިވުމުގެ ފުރުސަތު ހޯމަ ދުވަހު ހަމަވާނެއެވެ. މިއީ ގއ.ވިލިނގިއްޔާއި އެއަތޮޅު ކޫއްޑޫގެ އޮފީސްތަކާއި ކުންފުނިތަކުގެ އިތުރަށް ގއ.އަތޮޅުގެ ރިސޯޓްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. ވިލިނގިލީގައި ނެޓްބޯޅަ އާލާކުރުމާއެކު މިރޮނގުން ހުނަރުވެރި ކުޅުންތެރިންތަކެއް އުފައްދައި، ދެމެހެއްޓެނިވި ގޮތެއްގައި ނެޓްބޯޅަ ކުޅެވޭނެ އިންތިޒާމް ހަމަ ޖެއްސުމާއެކު ޒުވާނުންނަކީ ސިއްޙީ ގޮތުން ދުޅަހެޔޮ،މުޖުތަމަޢަށް ބޭނުންތެރި، ޒިއްމާދާރުބަޔަކަށް ހެދުމުގެ މަގްސަދުގައި ކޮންމެ އަހަރަކުވެސް އެއްފަހަރު މިމުބާރާތް ވިލިނގިލީގައި ބާއްވަމުން ދެއެވެ.

މިމުބާރާތާއި ގުޅޭގޮތުން ގއ. ވިލިނގިލީ އިޖްތިމާޢީ މަރުކަޒުން ޢާއްމުކޮށްގައިވާ ގަވާއިދުގައިވާގޮތުން މިމުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. ބައިވެރިވާ ޓީމް ލިސްޓުގައި 10 ކުޅުންތެރިންނާއި 3 އޮފިޝަލަކު ބައިވެރި ކުރަންޖެހެއެވެ. އެކުޅުންތެރިންގެ ތެރޭގައި ބައިވެރިކުރާ އޮފީހުގައި މަސައްކަތް ކުރާ 3 ކުޅުންތެރިންނަށް ވުރެ މަދުނުވާ ގޮތަށް ކުޅުންތެރިން ހިމަނަން ޝަރުތުކޮށްފައިވެއެވެ.

ނެޓްބޯލް ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން މިމުބާރާތް ކުރިއަށްދާނީ މުބާރާތުގެ މެޗަކުން މޮޅުވެއްޖެނަމަ 3 ޕޮއިންޓް، އެއްވަރުވެއްޖެނަމަ 1 ޕޮއިންޓް އަދި ބަލިވެއްޖެނަމަ އެއްވެސް ޕޮއިންޓެއް ނުލިބޭ ގޮތަށެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 2500 ރުފިޔާ ކަނޑައެޅިފައިވެއެވެ. އޭގެ އިތުރުން އެންމެ މޮޅު ކޯޗާއި އެންމެ މޮޅު 7 ކުޅުންތެރިންނާއި ކޮންމެ މެޗެއްގެ ކުއީން އޮފްދަ މެޗާއި ، މުޅި މުބާރާތުގެ ކުއީން އާއި ، ފެއަރ ޕްލޭ ޓީމްގެ އިތުރަށް ޗެމްޕިއަން ޓީމަށް ޓްރޮފީ ދިނުމަށް ހަމަޖެހިފައިވެއެވެ.

2022 ޖެނުއަރީ 21 ގައި ފަށާ މިމުބާރާތުގައި ބައިވެރިވާން އެދޭ އޮފީސްތަކުން ކުޅިވަރު.ކޮމް ވެބްސައިޓުގެ ޑައުންލޯޑް ޕޭޖްގައިވާ ނެޓްބޯޅަ މުބާރާތަށް ޓީމްތައް ރަޖިސްޓްރީ ކުރުމަށް ޚާއްސަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމް ފުރުމަށް އެދިފައިވެއެވެ. ފޯމް ބަލައިގަތުމުގެ ސުން ގަޑިއަކީ 2022 ޖެނުއަރީ 10 ވާ ހޯމަ ދުވަހުގެ 22.00 އެވެ.

ވިލިނގިލީ ކުޅިވަރު ކޮމިޓީ

ވިލިނގިލީ ކައުންސިލުން އެކުލަވާލާފައިވާ ކުޅިވަރު ޕްލޭން ތަންފީޒްކުރުމަށް 11 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވެއެވެ. ވިލިނގިލީ ކައުންސިލްގެ މެމްބަރެއް ރިޔާސަތު ބަލަހައްޓާގޮތަށް އެކުލަވާލި މިކޮމިޓީއަށް ބޭފުޅުން އައްޔަންކޮށްފައިވަނީ ވިލިނގިލީ ކައުންސިލްގެ4 ވަނަ ދައުރުގެ29 ވަނަ އާއްމު ޖަލްސާއިންނެވެ. މުބާރާތްތަކުގެ ޤަވާއިދު ހެދުމާއި، މުބާރާތްތައް ރާވާ ހިންގުމާއި، މުބާރާތްތަކަށް ސްޕޮންސަރުން ހޯދުމަކީ ކުޅިވަރު ކޮމިޓީގެ ޒިންމާއާއި މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

ގއ. ވިލިނގިލީގެ މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަރަކާތްތަކުގެ ތާޒާ މައުލޫމާތު އެންމެ މުނާސަބު ވަގުތުގައި އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކުޅިވަރެ.ކޮމް ގެ ނަމުގައި ޚާއްސަ ވެބްސައިޓެއްވެސް ވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭ އިފްތިތާހް ކޮށްފައެވެ. މިވެބްސައިޓް ހިންގަމުންދަނީ ވިލިނގިލީ ކައުންސިލުން އެކުލަވާލި ކުޅިވަރު ކޮމިޓީއިންނެވެ.