English Edition
Dhivehi Edition
ރައީސް ޔާމީން

މި ސަރުކާރުން 42 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިގެން އުޅެނީ ރައްޔިތުން ގުނބޯ ހައްދަންކަމަށް ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރުން 2023 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅިގެން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 42.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ، ރިޔާސީ ދައުރުގެ ފަހު އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ވައުދުތައް ފުއްދުން ކަމަށް ބުނި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިދިޔަ ހުރިހާ އަހަރުތަކަށް ބަލާ އިރު، ރާއްޖެ އަށް ލިބޭ އާމްދަނީއަކީ ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ ކަރުދާހުގައި ޖަހާ އަދަދަކީ އޭގެ ޒާތުގައި ލިބޭނެ އެއްޗެއް ނޫންކަމަށެވެ. އަދި މިކަން ކުރީ އަހަރުގެ ބަޖެޓާއި މިއަހަރުގެ ބަޖެޓުން ދައްކާދީފައިވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ،

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ބަޖެޓުގައި ޖަހާފައިވާ އަދަދަށް ފައިސާ ނުލިބޭނެކަމަށެވެ، އަދި މި ސަރުކާރަށް މަޝްރޫއުތައް ނިންމަން އެކަށީގެންވާ ވަގުތެއް ނެތްކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.