English Edition
Dhivehi Edition

1988 ނޮވެންބަރު 3 ގައި ހިނގައިދިޔަ ބިރުވެރި ނާމާން ކަންތައްތަކަކީ، ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ފިލައިގެންދާނެ ކަންތައްތަކެއް ނޫންކަމަށާއި އެކަމުގެ ހަނދާން އާކުރާއިރު ވިސްނަންވީ އެންމެ މުހިންމު އެއްކަމަކީ، މިފަދަ ނުރައްކާތެރި ދުވަހެއް ދެން އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވިޔަ ނުދިނުމަށް ވިސްނައި ތައްޔާރުވެ، ނުގުޑާފަދަ ވަރުގަދަ ޢަޒުމެއްގައި ސާބިތުވެ ތިބުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދައިން މިފަދައިން ކަން ކުރެވޭނީ، ދިވެހިންގެ ހިތްތަކުގައި ޤައުމުދެކެ ލޯބިވުމުގެ ރޫޙު އާލާކޮށްގެން، އިޚްލާޞްތެރިކަމުގެ ރޫޙު ދަމަހައްޓައިގެން، ޤައުމީ ސަލާމަތުގެ އަށްޑަނަ އުފުލައިގެންކަމުގައި ކަމުގައެވެ.

ނޮވެންބަރު 3 ގެ ޢުދުވާނުން ސަލާމަތްވުމަށްޓަކައި ދިވެހި ސިފައިން ދެއްކެވި ހަރުދަނާ އިޚްލާޞްތެރި ނަމޫނާއިން ހިތްވަރު ލިބިގަނެގެން، ޤައުމު ދިފާޢުކުރުމުގެ ޢަޒުމުގައި ސާބިތުވެ ތިއްބެވުމަށާއި، ދިވެހި ޤައުމުގެ ސަރަޙައްދުގެ ކިތަންމެ ކުޑަ މިންވަރެއްވެސް، ބޭރު ބައެއްގެ ނުފޫޒުގެ ދަށަށް، ކުޑަ ހިނދުކޮޅަކަށްނަމަވެސް ދިޔަނުދިނުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް ރައީސް ވަނީ ދިވެހިންނަށް އިލްތިމާސް ކުރައްވަވާފައެވެ.

” ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލައިގެ ނުރައްކާތެރި ބިރުވެރި ހާދިސާގައި ދުޝްމަނުންނަށް ނާކާމިޔާބުވުމުގެ އެންމެބޮޑު ސަބަބަކީ، އެދުވަހު ރާއްޖޭގެ ހުރިހާ ރައްޔިތުން ސާބިތުކޮށްދެއްވި އެއްބައިވަންތަ ކަމާއި ވެރިންނަށް ކިޔަމަންތެރިވުމުގެ ނަމޫނާ ” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިގޮތުގައި 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއާ ދޭތެރޭގައި ފިކުރު ހިންގާލާއިރު، އެ ޙަމަލާ ރޭވުމުގެ އަޑީގައި ތިބީ ދިވެހިޤައުމަށް ޣައްދާރުވި ދިވެހިންގެ މަދު ބައެއްކަމަށާއި، މިއަދުވެސް އެފަދަ ޣައްދާރުން ދިވެހިންގެ ތެރޭގައި ތިބިކަން އަޅުގަނޑުމެން ދަންނަން ޖެހޭކަމުގައެވެ. އަދި، ދުޝްމަނުން، ޤައުމުގެ އެތެރެއިންނާއި ބޭރުން، މިހާރުވެސް ކުރިމަތި ކުރުވަމުން ގެންދަނީ ވަކި ނުރައްކާތެރިކަންކުޑަ ޢުދުވާނުތަކެއް ނޫންކަމަށާއި އެފަދަ ޢުދުވާނުތަކުގެ ފޮރުވިފައިވާ ސިއްރަކީ، އެބައެއްގެ އަމިއްލަ އެދުންތައް ޙާޞިލުކުރުމަށް އެކިގޮތްގޮތުން މަސައްކަތްކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

1988