English Edition
Dhivehi Edition

އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރުނު އިއުލާނެއްގައި ވަނީ ދުންފަތުގެ ބާވަތްތައް ރަމްޒު ކޮށްދޭ ނަންބޯޑުތަކާއި އިލެކްޓޯނިކް ވިސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ އާއި އެހެނިހެން އޮންލައިން ޕްލެޓްފޯމްތަކުގައި ކުރަމުންދާ ދުންފަތުގެ އިޝްތިހާރުތައް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަމަށެވެ. އަދި އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކުމާއި އެފަދަ ބާވަތްތަކުގެ ނަންތައް ލިސްޓްކޮށް ފޮޓޯ އާއި މަންޒަރުތައް ޕޯސްޓްކުރުމާއި ދުންފަތުގެ ބާވަތްތަކާއި އެހެނިހެން ހިދުމަތްތަކާއި، ބާވަތްތައް އެއްކޮށް ޕެކް ކޮށްގެން ވިއްކުމާއި، ހިލޭ ބެހުމާ، ދުންފަތުގެ އެއް ބާވަތެއް އަނެއް ބާވަތަކަށްވުރެ ސިއްހީ ގޮތުން ރައްކާތެރިކަމަށް ބުނެ އިޝްތިހާރު ކުރުމަކީ ވެސް ގާނޫނުން މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ އިއުލާނުގައި ވަނީ ގާނޫނާއި އެއްގޮތަށް އެތެރެކޮށްފައިވާ ނުވަތަ އުފައްދާފައިވާ ދުންފަތުގެ ބާވަތްތައް، ވިޔަފާރިކުރާ ތަންތަނަށް ގޮސް ގަތުމަށް އެދޭ 18 އަހަރު ފުރިފައިވާ ފަރާތްތަކަށް ގާނޫނު ހުއްދަކުރާ މިންވަރަށް ފުންފަތުގެ ބަވާތްތައް ވިއްކުން ހުއްދަ ވާނެ ކަމަށެވެ. ނަމަވެސް ވެންޑިން މެޝިން މެދުވެރިކޮށް، އޮންލައިންކޮށް އަދި ޑެލެވެރީ ހިދުމަތްފަދަ، ތަކެތި ގަންނަ ފަރާތަކީ ކާކުކަން އަދި އެ ފަރާތުގެ އުމުރު ކަށަވަރު ނުކުރެވޭ ވަސީލަތްތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެއް ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އިތުރަށް އެޗްޕީއޭއިން ވަނީ އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރާ މީހުންނަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.