English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް އިން 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާ ހާމަކޮށްފި އެވެ.

މި ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 367 މިލިއަން ރުފިޔާ ލިބިފައިވާއިރު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 694 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު %17 އިތުރު އަދެދެކެވެ.

މި ނަތީޖާ ހާސިލް ކުރެވިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި އަދި ރަނގަޅު ލޯނު ޕޯޓްފޯލިއޯ ދެމެހެއްޓިގެންނެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައެވެ. އަދި ބޭންކަށް ރަނގަޅު ނަތީޖާއަކާއެކު މިއަހަރު ނިންމާލެވޭނެކަމަށް ލަފާކުރެވެއެވެ.

މުޖުތަމައަށް އެހީވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. ފިއްލަދޫ އަދި ވަށަފަރުގައި އަލަށް ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ވަނީ ފައްޓާފައެވެ. ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ބޭންކުންވަނީ މިދިޔަ ކުއާޓަރގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި އޮންކޮލޮޖީއަށް ހާއްސަ ވޯޑެއް ގާއިމް ކުރުމަށާއި، ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމުގެ އިތުރުން ސްޕޯޓްސް ސްކޮލާޝިޕް ޕްރޮގްރާމް އިއުލާންކޮށްފައެވެ.

މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވީ ” ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއެކު، މި ކުއާޓަރގައި މިވަނީ ހަރުދަނާ މާލީ ނަތީޖާއެއް ހާސިލްކުރެވިފަ. ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ދިވެހި ރައްޔިތުންނަށް އެހީވުމާއި ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމިއޮތުމަށް އަލުގަނޑުމެން ނުހަނު ބުރަކޮށް މަސައްކަތްކުރަމުންދާނަން. އަޅުގަނޑުމެން އުންމީދު ކުރަނީ މިއަހަރަކީވެސް ކާމިޔާބު އަހަރަކަށްވުން. އަދި މި ފުރުސަތުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމާއި ބޯޑު ޑައިރެކްޓަރުން ދެއްވާ އިރުޝާދާއި އެހާމެ ބުރަކޮށް މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ ޓީމަށް ޝުކުރު އަދާކުރަން.”

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 7،900 ޕޮއިންޓް އޮފް ސޭލް މަރޗަންޓުންނާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.