ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
މިތަކެތި އަތުލައިގެންފައިވަނީ 2022 ސެޕްޓެމްބަރު 10 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގަ އެވެ.
މިގޮތުން ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ޕެކެޓެއް ވަނީ ފެނިފަ އެވެ.
ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަޙުލީލުކުރިއިރު، މިޕެކެޓުގައި ހުރި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު 1008.87 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 2,522,175.00 (ދެ މިލިއަން ފަސްލައްކަ ބާވީސް ހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާއަށް އަރަ އެވެ.
މިމައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފަ އެވެ.
މިއީ މިއަހަރު ތެރޭގައި މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ތިންވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި، 2022 މާރިޗު 1 ވަނަ ދުވަހު 585 ގްރާމްގެ މެފެޑްރޯން އަތުލައިގަނެފައިވާއިރު، ދެވަނަ ފަަހަރު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި، 2022 ޖޫން 29 ވަނަ ދުވަހު 526 ގްރާމްގެ މެފެޑްރޯން އަތުލައިގަނެފައިވެއެވެ.