ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތަސް ޓެކްސް ބޮޑުކުރަން ޖެހޭނީ ދިރާސާކުރުމަށްފަހުގައި ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.
މަޖިލިސް ޖަލްސާގައި ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޕާޓީގެ މެނިފެސްޓޯއެއް އޮންނައިރު، އެ މެނިފެސްޓޯގެ ދަށުން ރައްޔިތުންނާ މަޝްވަރާ ނުކޮށް ޓެކްސް ބޮޑުކުރުމުން ޓޫރިޒަމް ދާއިރާއަށާއި ގެސްޓް ހައުސްތަކަށާއި ސަފާރީ ވިޔަފާރިތަކަށާއި އެންމެ ނިކަމެތި މީހުންނަށާއި އާއިލާތަކަށް އަދި ހޯލްސޭލް ކުރާ ވިޔަފާރިވެރިންނަށް ކުރާނެ އަސަރަކީ ކޮބައިތޯ ވެސް ނުބަލާ އިރު، އެ ހިސާބުތައް ވެސް ފެންނަން ނެތް ކަމަށެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހުގައި ވާހަކަ ދައްކަވަމުން، ދައުލަތަށް ލިބެން ޖެހޭ އާމްދަނީގެ ތެރެއިން 15 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބޭ ކަމަށް ވިދާޅުވި ކަމަށާއި އެ 15 ބިލިއަން ހޯދަން މިއަދާ ހަމައަށް ވެސް ސަރުކާރަށް ނޭނގުނު ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރްސީ ވައްކަމާއި ވެންޓިލޭޓަރުގެ ވައްކަމުގެ ފައިސާ ހޯދަން ވެސް ސަރުކާރަަށް ނޭނގުނު ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެސްއޯއީތަކުން ބޭކާރު ގޮތުގައި އިސްރާފުކުރުން ނުހުއްޓުނު ކަމަށާއި ފްލެޓުތަކާއި ކުލިތައް ދައުލަތަށް ނުލިބޭތީ އެ ފައިސާ ހޯދަން ވެސް ސަރުކާރަށް އެނގިފައި ނުވާ ކަމަށާއި އާސަންދައާއި އެންސްޕާއިން ކުރާ އިސްރާފު ހުއްޓުވުމަށާއި ސަރުކާރުން ކޮވިޑް ތެރޭގައި ބައްދުކުރި އައްޑޫގެ ހެރެތެރެ އަދި ސަންގްރިއްލާ އަލުން ހުޅުވާ އިގްތިސޯދަށް މަންފާ ކުރަނިވި ގޮތަކަށް ބިނާކުރުމުގެ އިތުރުން އެތަން ތަނުން ވަޒީފާ ގެއްލުނު މީހުންނަށް އަނބުރާ ވަޒީފާ ދޭނެ ގޮތް ވެސް ސަރުކާރަށް ނޭނގުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަޖެޓުގައި ހިމެނާފައިވާ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމް ހިންގައިގެން ދައުލަތަށް އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ވެސް ސަރުކާރަށް ނޭނގޭ ކަމަށް ވިދާޅުވެ، އިލްޔާސް ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފަ އެވެ.