English Edition
Dhivehi Edition
ފޮޓޯ: އެމްއެންޕީ ފޭސްބުކް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް އެއް އަހަރު ފުރުނު ދުވަހު އެ ޕާޓީގެ އައު އޮފީސް ހުޅުވައިފި އެވެ.

މަޖީދީމަގުގައި ހުންނަ މއ. ކެލާވީގެ އެއް ވަނަ ފަންގިފިލާގައި ހުންނަ މި އޮފީސް ހުޅުވައިދެއްވީ އެޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އަދި އެޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި އެހެން ބޭފުޅުން ނެވެ.

އެމްއެންޕީއަކީ ދީނާއި ގައުމު ހިމާޔަތް ކުރުމާއި ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމުގެ މަގުސަދުގައި ނާޒިމް، އުޝާމް އަދި ރިޔާޒު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް އެ ޕާޓީން ހޯދަފައިވާއިރު، އެޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެސް ވާދަކޮށްފަ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކޮށް އެޕާޓީގެ ބައެއް ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފަ އެވެ.

އެމްއެންޕީން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރުމަށް ވަނީ ނިންމާފަ އެވެ. އެޕާޓީން އެ އިންތިޚާބުގައި ވާދަކުރައްވާނެ ފަރާތެއް ޕްރައިމަރީއަކުން ހޮވަން ނިންމާފައިވާއިރު، ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވަނީ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމުގެ ޢިޝާރާތެއް ކުރައްވާފަ އެވެ.