English Edition
Dhivehi Edition

ހުވަދުއަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ޑައިވިންގ ކޯހެއް ގދ. ތިނަދޫގައި ފަށައިފިއެވެ.

މިއީ ހުވަދުއަތޮޅުގެ ޒުވާނުން ބައިވެރިކޮށްގެން ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް އެފެއަރސް އާއި ގުޅިގެން ޔޫމެޓް ސްކޫބާއިން ހިންގާ މާސްޓަރ ޑައިވިންގ ކޯހެކެވެ. މިކޯސް ފުރިހަމަކުރާ ބައިވެރިންނަށް އެން.ޑީ.އެލް އެޕްރޫވްޑް ޑައިވިންގ ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިކޯސް ފެށުމުގެ ގޮތުން ގދ. ތިނަދޫ ފަތާ ޓްރެކް ސަރަހައްދުގައި ޔޫމެޓް ސްކޫބާ ޑައިވިންގ ސެންޓަރ ކުރިމަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމް.އެން.ޔޫ ތިނަދޫ ކެމްޕަހުގެ މެނޭޖަރ މުޙައްމަދު ޝަމީމް އާދަމްއެވެ.

45 ދުވަހުގެ މުއްދަތަކަށް، ތިނަދޫގައި ޔޫމެޓް ސްކޫބާ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދާ މިކޯހުގެ ބައިވެރިންނަށް އިކޮނޮމިކް މިނިސްޓްރީން 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިނގިރޭސި މީޑިއަމަށް ހިންގާ މިކޯހުގައި ޖުމްލަ 26 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ގއ. އަތޮޅާއި އައްޑުއަތޮޅުގެ ބައިވެރިންވެސް ހިމެނެއެވެ. ދެން ހިމެނެނީ ހޯނޑެއްދޫ އިން ބައިވެރިވި 5 ބައިވެރިންނެވެ.

މަސްވެރިކަމުގެ ޤާނޫނަށް މިފަހުން ގެނެވުވުނު ބަދަލާއެކު މަސްދޯނި ފަހަރުގައި ސެޓިފައިޑް ޑައިވަރުން ތިބުމަށް ލާޒިމްކުރެވިފައިވާއިރު، ބައިވެރިން އަތުން އެއްވެސް ކޯސް ފީއެއް ނުނަގާ ފެށިގެންދިޔަ މިކޯހާއެކު ތިނަދޫގެ އިތުރުން ހުވަދުއަތޮޅުގެ ކޮންމެ މަސް ދޯންޏެއްގައި ކުރިއަށްއޮތް ދުވަސްތަކުގައި ސެޓިފައިޑް ޑައިވަރެއް ހުންނާނެކަމާމެދު ޝައްކެއްނެތެވެ.

ޔޫމެޓް ސްކޫބާ އަކީ ބައިނަލްއަގްވާމީ އެން.ޑީ.އެލް މިންގަނޑުތަކާއި އެއްގޮތަށް ހުވަދުއަތޮޅުގައި ފުރަތަމަ ހުޅުވިގެންދިޔަ ޑައިވިން ސެންޓަރެވެ.