އެމް.ޓީ.ސީ.ސީ ދިވެހި ސާފް ލީގުގެ ހަތަރުވަނަ މުބާރާތް ކަމަށްވާ ގާމާދޫކޮޅު ރާޅުގަނޑުގެ ރަނަރަޕްކަން ގދ. ގައްދޫއަށް ނިސްބަތްވާ ހޫދު އަޙްމަދު (ހޫބްޒް) ހޯދައިފިއެވެ.
ކ. ހިންމަފުށީގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެންޕިއަންކަން ހޫބްޒް އާއި ވާދަކޮށް ކުޑަކުޑަ ތަފާތަކުން ހާސިލްކޮށްފައިވަނީ، މިހާތަނަށް އެންމެ ގިނަ ފަހަރު ރާޅާއެޅުމުގެ ގައުމީ މުބާރާތް ކާމިޔާބުކޮށްފައިވާ ހުސެއިން އަރީފް (އިބޫ) އެވެ. މިއީ 2019 ވަނަ އަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރި ފަހުން އިބޫ ވާދަކުރި ފުރަތަމަ މުބާރާތެވެ.
މި މުބާރާތުގެ ފޯރިގަދަ ފައިނަލް ހީޓުގައި އިބޫ އެންމެ ފުރަތަމަ ކުރީގައި އޮއްވައި ހޫބްޒް ވަނީ ލީޑު ނަގާފައެވެ. އެކަމަކު އިބޫ މި ހީޓުން ކުރި ހޯދީ އެންމެ ފަހު ދެ ރާޅުގައި ރަނގަޅު ސްކޯއެއް ހޯދައިގެންނެވެ. އެގޮތުން ހީޓު ނިމުނުއިރު އިބޫ ކުރީގައި އޮތީ 13.43 ޕޮއިންޓުންނެވެ. އަދި ހޫބްޒް އަށް ލިބިފައިވަނީ 12.20 ޕޮއިންޓެވެ.
ހިންމަފުށީގައި ކުރިއަށްދިޔަ ގާމާދޫކޮޅު ރާޅުގަނޑުގެ 18 އަހަރުން ދަށުގެ ފިރިހެން ޖޫނިއާ ޗެމްޕިއަންކަން ހޯދާފައިވަނީ މުޙައްމަދު ޒަޔާން (ޗޮއްޕު) އެވެ. އުމުރުން 17 އަހަރުގެ ޗޮއްޕު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުޙައްމަދު އިނާން އަބްދުލް ހަންނާން ބަލިކުރުމަށްފަހުއެވެ.
އަދި މި މުބާރާތުގެ އަންހެން އޯޕަން ޗެމްޕިއަންކަން ހޯދާފައިވަނީ އާޔާ ނަސީމެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރިޝްތާ ޝުޖާއު ބަލިކުރުމަށްފަހުއެވެ.
މި އަހަރުގެ ދިވެހި ސާފް ލީގުގައި މިހާތަނަށް ހަތަރު މުބާރާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއާއެކު ދެން ބާކީ އޮތީ އަންނަ ނޮވެމްބަރު މަހުގެ 10-19 އަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ގައުމީ މުބާރާތް “ރަންނަމާރި ޗެލެންޖް 1444” އެވެ.