English Edition
Dhivehi Edition

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތައާރަފް ކުރި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ބަހުގެ ޚިދުމަތަކީ ބަޔަކަށް ފަސޭހަކަން ގެނުވި ކަމެއް ނަމަވެސް އެއީ ބައެއް މީހުންނަށް ތުރާލަކަށް ވެފައިވާ ޚިދުމަތެއް ކަމަށް ދެކެވޭ ވާހަކަ ގިނައެވެ. މާލޭގެ ބައިބޯ މީހުން ގިނަ ތަނުގައި ދެވޭ ގޮތަށް އަތޮޅު ތަކުގައި ޚިދުމަތް ދިނުމަށްފެށުމުގެ ކުރިން ބަލަން ޖެހޭ ވަރަށް ކުންފުނިން ނުވަތަ ސަރުކާރުން ވިޔަސް ބަލާފައި ނުވާ ކަމަށް ބުނާ އަޑު އިވެމުން ދެއެވެ.

ގިނަ ޒުވާނުން އެއްތަންވެލާއިރަށް ކުރަމުންދާ އެއް ބަހުސްއަކަށް މިހާރު ވެފައި އޮންނަނީ އަލަށް ފަށައިގެން އުޅޭ އާރ.ޓީ.އެލް ގެ ވާހަކައެވެ. ޙާއްސަކޮށް އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގައި މިޚިދުމަތް ދިނުމަށް އެމް.ޓީ.ސީ.ސީ އިން ކުރަމުން ދާ މަސައްކަތުގެ ވާހަކައެވެ. ބަހުސްތަކުގެ ކުރު ޚުލާސާއަށް ބަލާއިރު އެންމެންވެސް އެއްބަސްވާ އެއްކަމަކީ އެދެރަށަށް ބަހުގެ ހިދުމަތް އެބަ ދެވޭ ހެއްޔެއެވެ. ނުވަތަ މާލޭގައި ޚިދުމަތް ދޭ ޝެޑިއުލްގައި އެ ގޮތަށް ބަހުގެ ޚިދުމަތް ދިނުމަށް އެ ދެ ރަށުގައި ކުރެވެނީ ފައިދާ ހުރި މަސައްކަތެއް ތޯއެވެ؟

ބަޔަކު ދައްކާ ވާހަކައަށް އެކަނި ބުރަވެ މިކަހަލަ ލިޔުމެއް ލިޔުން ބުއްދިވެރި ނުވާނެތީވެ ބަހުގެ ހިދުމަތް ތަޖުރިބާކޮއްލުމައް އެރަށަށް ދިޔައީމެވެ. ހިތަދޫ ބަނދަރުން ފުރަން ގޮސް ހުރި އިރު ފުރަތަމަ ފެނުނީ މި ވިއްސާރަ މޫސުމުގައި ފުރަން ގޮސް ތިބި މީހުން ވާރެއާއި ނިވާވާނެ ގޮތެއް ނެތިގެން އެކަމުގެ ސަކަރާތުގައި އުޅުނު މަންޒަރެވެ. އެތަނުން އެކަކު ބުނި އަޑު އިވުނެވެ.

“އިހަކަށް ދުވަހު އެމްޓިސީސީ ގެ ސީއީއޯ އައްޑޫއަށް ވަޑައިގަތެވެ. މި މަންޒަރު ދެއްކި ނަމައެވެ. އެންމެ ކުޑަމިނުން ހިޔާވާނެ ތަންކޮޅެއްވެސް ލިބުނީސް ކަންނޭނގެއެވެ” އެއީ ޚިދުމަތް ހޯދަން ގޮސްތިބި މީހުންގެ ޝުއޫރެވެ.

ކުޑަ އިރުކޮޅަކުން ލޯންޗަށް އެންމެން އަރުވައިގެން ފުރިއެވެ. 15 ވަރަކަށް މިނެޓްގެ ނިޔާމަ ދަތުރަކަށް ފަހު އެރަށުމީހުން ކިޔާ ގޮތުންނަމަ މެދު ބަނދަރަށް ފެރީކައިރި ކުރިއެވެ. ފެރީ ކައިރި ކުރިތާ ގިނަ އިރުތަކެއް ނުވެ އެމް.ޓީ.ސީ.ސީގެ ނޫކުލައިގެ އާރ.ޓީ.އެލް ބަހެއް ޓާމިނަލް ކައިރިއަށް މަޑުކޮށްލިއެވެ. ވަރަށްވެސް ގަޑިއަށް ކަމޭހިތާ މޭރުމަކުން ރަށަށް އައި މެހުމާނުންނަށް އިސްތިޤުބާލު ކިޔާ ބީދައިންނެވެ. ބަސްތަކާއި ބެހޭގޮތުން އިވިފައި އޮތް ހުރިހާ އިވުމެއް ހަނދާން ނައްތާލެވޭހާ ފުރިހަމަށް ފެށުމެކެވެ. އަޅުގަނޑުވެސް ބަހަށް އަރައި ގޮނޑިއެއްގައި އިށީދެލީ ބަސް ފުރި ގޮނޑިއެއް ނުލިބިދާނެތީއެވެ. ނަމަވެސް ކަން ވީ ހީކުރި ގޮތަކަށް ނޫނެވެ. އަޅުގަނޑާއި އެކު ބަހަށް އެރީ އިތުރު 2 މީހުންނެވެ. ތިރީހަކަށްހައި ގޮނޑި ހުރި މިބަސް މިއައީ ހަމައެކަނި އަޅުގަނޑުމެން ތިން މީހުން ބަލާ ކަން އެނގުމުން ހައިރާންވިއެވެ.

ބަސް ނައްޓާލުމުގެ ކުރިން ބަހަށް ދޭންޖެހޭ ޓިކެޓް ފީ އާއި ބެހޭގޮތުން އަޅުގަނޑު އިސްވެ ޑްރައިވަރާއި ސުވާލުކޮށްލީމެވެ. ބަހުގެ ފީ އަކީ 5 ރުފިޔާކަމަށް ހިނިތުންވެހުރެ ޑްރައިވަރު ބުނެލުމުން އަވަހަށް 5 ރުފިޔާ ނަގާ ދިއްކޮށްލީމެވެ. ޑްރައިވަރަށް ލިބުނު ސިހުމަކާއި އެކު ހޯ ހޯ ފައިސާ ބަލައި ނުގަންނަ ކަމަށާއި މި ބަހުގައި ބޭނުންކުރަނީ ކާރޑް ކަމަށާއި ނަމަވެސް އަދި ކާރޑް މެޝިން ބޭނުން ނުކުރެވޭ ކަމަށް ބުންޏެވެ. ދެން އޮތް ގޮތަކީ އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނެގުންކަމަށްވެސބުނެދިނެވެ.

އަޅުގަނޑު ހިތާހިތާ އަހާލީމެވެ. ހާދަހާ ޓެކްނޮލަޖީ ތާއެވެ. ނަމަވެސް މިއީ ކޮންމެ ކޮންމެ މީހަކަށް ހަމަ ވާނެ ކަމެއްބާވައެވެ. ކަންދިމާވީ ވެސް އެހެންނެވެ. އަޅުގަނޑާއި އެކު ބަހަށް އެރި ދެމީހުންނަކީ ވެސް ބިދޭސީން ކަމަށްވުމުން އެޕްލިކޭޝަން މެދުވެރިކޮށް އެދެމީހުންނަށް ޓިކެޓް ނެގޭގޮތް ނުވިއެވެ. އެއީ ޕޭމަންޓް ގޭޓްވޭ ލިންކް ކޮށްފައި ވަނީ ހަމައެކަނި ބޭންކް އޮފް މޯލްވިސް އަށް ވެފައި އެބޭންކުގެ އެކައުންޓެއް ނެތް މީހަކަށް އެޓިކެޓް ނެގޭނެ ގޮތް ނެތީމައެވެ.

ކޮންމެއަކަސް ދަތުރު ފެށިފައިވާތީ އަޅުގަނޑު އެދެމީހުންނަށް ޓިކެޓް ނަގާދީފީމެވެ. ނަމަވެސް މިއީކީ ކޮންމެ ފަހަރަކަށް އޮތް ހައްލެއް ނޫނެވެ. އެދެމީހުން އެކަނި ބަހަށް އެރިނަމަ ދެން ހަދަންވީ ގޮތެއް އެނގޭނީ އާރ.ޓީ.އެލް ގެ ކުންފުނިއަށެވެ.

ދަތުރު ކުރިއަށް ދަމުން ގޮސް ބަސް ރަށުތެރޭގައި ދުއްވަން ފަށައިފިއެވެ. ތެދުތެދަށް ދަންނަވާނަމަ އޭގެ އިރުކޮޅެއް ކުރިން ކަނޑު ދަތުރުކޮށްފައި އައި ފެރީ އަށްވުރެ ބަހަށް އަރާ ލޮޅުންތައް އެތައް ގުނައެއް ބޮޑެވެ. ހުޅުދޫ އަދި މީދޫގެ ގިނަ މަގުތަކަކީ އަދި ރަނގަޅު ފެންވަރަކަށް ހަދާފައި ނެތް މަގުތަކެއް ކަމުން މިބޮޑު ބިޔަ ބަސް ހަނި ގޯޅިތަކާއި މައި މަގުތަކުން ދަތުރު ކުރުމުގެ ސަބަބުން މަގުތަކަށް އެތަކެއް ބޮޑެތި ގެއްލުމެއް ވަމުންދާތަން ފެންނަމުން ދިޔައެވެ. ހާއްސަކޮށް ހަނި މަގުތަކުގައި ވާރޭވެހި ޗަކަ ހެދިފައި އޮންނަ ދުވަސްތަކުގައި ބަސް ދިޔުމުން އެމަގުތައް އިތުރަށް ހަލާކުވެ ގިނަ މަގުތައް އާއްމު ރައްޔިތުންނަށް ބޭނުންކުރުމަށް ދަތިވެފައިވެއެވެ.

އަޅުގަނޑު ދަތުރު ކުރަމުން ދިޔަ ބަސްވެސް ގިނަ ހަނި މަގުތަކުން ދަތުރުކުރަމުން ދިޔައެވެ. އުންމީދު ކޮށްގެން ހުރީ ގިނަތަންތަނަށް މަޑުކުރުމުން ކޮންމެވެސް ވަރަކަށް މީހުން ބަހުގެ ހިދުމަތް ބޭނުންކުރާނެ ކަމަށެވެ. ނަމަވެސް ފެނިގެން ދިޔަ މަންޒަރަކީ އެއާއި މުޅިން ތަފާތު މަންޒަރެކެވެ. ބަސް ފެންނަ އިރަށް މީހުންގެ މޫނުތަކުން ނުރުހުމުގެ އަސަރު ފެންނަން ހުރުމެވެ. ބަހުގެ ސަބަބުން އެމީހުންނަށް ތުރާތަކެއް ހުރިކަމުގެ މަންޒަރެވެ. ކުދިކިޔާ މީހުން ކުދި ކިޔާތަން ވެސް ފެނެއެވެ.

ދެން ދިމާވީ އަދި ވަކިން މޮޅުކަންކަމެވެ. ބަސް ދަތުރުކުރަމުން ދިޔަ ހަނި މަގެއްގައި ދެމީހަކު ސައިކަލެއްގެ މަތީގައި މަޑުކޮށްލައިގެން ތިބުމުން އެމަގުން އިތުރަށް ބަހަށް ދެވޭނެ އެއްވެސް ގޮތެއްނެތިގެން މަޑުކުރަން ޖެހުނީއެވެ. ސައިކަލްގައި ތިބި މީހުން ތިބީ މަގުގެ އަރިމަތީގައި ކަމަށްވިޔަސް ސައިކަލް ހުރުމުން ބަހައް ދެވޭނެ ގޮތެއް ނެތެވެ. އެންމެ ފަހުން ސައިކަލުގައި ތިބި މީހުން ޖެހުނީ އެމީހުން އެތަނަށް އައި ބޭނުން ކުރުކޮށްލާފައި ބަހަށް ޖާގަ ދިނުމަށް އެތަނުން ދާށެވެ.

އޭގެ ކުޑަ ތަންކޮޅަކަށް ދެވުނު ތަނާ އެމަގުގައި ޕާރކް ކޮށްފައި އޮތް ކާރަކާއި ދިމާވިއެވެ. ކާރުގައި މީހަކު ނެތުމުން ބަހަށް ޖެހުނީ އިތުރަށް ކުރިއަށް ދާން ޖެހޭތީ ބަރުގޮނު އަޅާށެވެ. ދެތިން މިނިޓަށް ބަރުގޮނު އެޅިފަހުން ގޭތެރެއިން މީހަކު ނިކުމެ ކާރު އެތަނުން ނެގިއެވެ. އަޅުގަނޑު ހިތާހިތާ އަހާލީމެވެ. މިގޮތަށް ދަތުރަކު ކިތައް އުޅަނދު ނަގަން ޖެހޭނެބާއެވެ. ހިތުގައި ސުވާލު އުފެދޭ ވަރު ބޮޑުކަމުން ބަސް ޑްރައިވަރު ގާތު އަހާލީމެވެ. އާއްމުކޮށް މިގޮތަށް ދިމާވޭހެއްޔެވެ. މާޔޫސްކަމުން ފުރިގެންވާ މޭރުމަކުން ޑްރައިވަރު ބުނީ ކޮންމެ 15 މިނަޓަކުން މިގޮތަށް މިހުރިހާ މަގަގުން ބަސް ދާނެކަމަށާއި ރައްޔިތު މީހާ އަށް ކިތަންމެ ދަތިވިޔަސް ބަސް ދުއްވާނަމަ ޖެހޭނީ އެގޮތަށް އުޅަނދުތައް ނަގަން ކަމަށެވެ.

މިކަމާ ގުޅިގެން ރައްޔިތުން ޝަކުވާ ކުރުމުން ކުންފުނިން ދޭނެ ޖަވާބު ސާފުކޮށް އެންމެންނަށް ވެސް އެނގޭނެއެވެ. ސަބަބަކީ ކޮންމެ އުޅަނދެއްވެސް ރަޖިސްޓްރީ ކޮށްފައިވާނީ ގަރާޖަކަށް ކަމަށާއި، ޕާކް ކުރަން ޖެހޭނީ ގަރާޖުގައި ކަމައް އެންމެން ގަބޫލު ކުރާ ކުރުމެވެ. ނަމަވެސް ހަމަބުއްދިއަކުން ވިސްނާނަމަ އެއީކީ ޖަވާބެއް ނޫނެވެ. ކާރެއްގައި މީހަކު ދާކޮންމެ ގެއެއްގައި ގަރާޖެއް ނުހުންނާނެއެވެ. ވީމާ އެމީހަކު އައި ބޭނުމެއް ނިމެންދެން ބާއްވަން ޖެހޭނީ މަގުމަތީގައެވެ. އަދި އެގޮތަށް ބޭއްވުމުން ދެން އަންނަ ބަހަށް އެމަގުން ނުދެވުމުން އުޅަނދު ދުއްވި މީހާގެ ހައްޤަށް އުނިކަން ގެނެވިގެން ނުވާނެއެވެ.

ކާރުގައި ބަނދަރުން 5 މިނިންޓުން ދެވޭ ހިސާބަށް ދިއުމަށް ބަހުގައި ގާތްގަނޑަކަށް 45 ވަރަކަށް މިނެޓް ހޭދަކުރުމަށްފަހު އަޅުގަނޑު ދާން ބޭނުންވި މަންޒިލަށް ދެވިއްޖެވެ. އަވަހަށް ބަހުން ފައިބައިގެން ބަހުގެ ހިދުމަތާއި މެދު ވިސްނަން ފެށީމެވެ.

ރައްޔިތުން ބަހުގެ ހިދުމަތް ބޭނުން ނުކުރާއިރު ރައްޔިތުން ބޭނުންކުރުމަށް ހުރި މަގުތައް އިތުރަށް ހަލާކުކުރުމަށް ބަސްތައް ދުއްވަނީ ހަމަ ރައްޔިތުންގެ ފަސޭހައައް ކަމާއި މެދު ސުވާލު އުފެދުނެވެ.

ހުޅުދޫ އަދި މީދޫގެ ގިނަ މަގުތަކެއްގައި ބަސް ހުއްޓި ޖަހާފައި ވާއިރު އެއިން ކޮންމެ ބަސްހުއްޓިއެއް ކައިރިއަށް 15 މިނެޓުން ބަހެއް މަޑުކުރަންޖެހޭތީ ރަށުތެރޭގައި ބަސް ދުއްވަން ޖެހޭނެ މިންވަރު ހިތަށް ގެނެސް ބަލާށެވެ. ބަސް ދުއްވާ ފަރާތްތަކާއި ވާހަކަ ދައްކާލުމުން ގިނަ ފަހަރަށް ބަސް ދަތުރު ކުރަން ޖެހެނީ ހުސްކޮށްކަމަށާއި، ހަމަ އެކަނި ބަހުގެ ހިދުމައް ބޭނުންކުރަނީ ސްކޫލް ކުދިންކަން ފާހަގަ ކޮށްފައިވެއެވެ. އަދި ސްކޫލް ކުދިންނަށް ބަސް އޮންނަނީ ހިލޭކަމައްވެސް ބުންޏެވެ.

ހިތަށް އެރިއެވެ. މިގޮތަށް ދަތުރުކުރާނަމަ ސްކޫލް ކުދިން ހިލޭ ސްކޫލަށް ގެންގޮސް ގެނެސްދިނުމަށް އެ ގަޑިތަކަށް ވަކިން ޚާއްޞަކޮށް ބަސް ދަތުރުކުރުން މާ ފައިދާ ބޮޑުވާނެ ކަމެވެ.

ބަހުގެ ހިދުމަތް ދިނުމަށް 11 ޑްރައިވަރުންނާއި 4 ބަސް ހުޅުމީދޫގައި އޮޕަރޭޓް ކުރާއިރު ދުވާލަކު ގަތްގަނޑަކަށް 50 އާއި 70 ލީޓަރުގެ ތެޔޮ އަޅަންޖެހެއެވެ. ބަހުގެ ސައިޒު ކުޑަވި ނަމަވެސް ކުރިން އެސް.ޓީ.އެލް އިން ބޭނުންކުރި ބަހަށްވުރެ ހުރިހާ ގޮތަކުންވެސް މިހާރު ބޭނުންކުރާ ބަހުގެ މެއިންޓެނެންސް އާއި ތެލުގެ ހަރަދު ބޮޑުކަމަށް މަޢުލޫމާތު ލިބެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް ގެ ނަމުގައި އެމްޓީސީސީ އިން ބޮޑު ޚަރަދުކޮށް ބަހުގެ ހިދުމަށް ދިނުމަށް ފަށާފައިވާއިރު މިއީ ސަރުކާރު ހިއްސާވާ ރައްޔިތުންގެ ކުންފުންނަކުން ސީދާ ރައްޔިތު މީހާއަށް ދޭ ހިދުމަތެއް ކަމަށް ބުނެއެވެ. އެހެންނަމަވެސް އެހިދުމަތުގެ ސަބަބުން ރައްޔިތު މީހާ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހިފައިވާކަން ހުޅުދޫ އަދި މީދޫން މިފެނުނު މަންޒަރުތަކުން ފެނި ކަށަވަރު ވެއްޖެއެވެ.

ހުޅުދޫ އަދި މީދޫގައި ބަހުގެ ހިދުމަތް ދިނުމަށް ފެށިއިރު ރައްޔިތުންގެ ބަސް އަޑު އެހާފައިވާ މަންޒަރެއް ފެންނާކަށް ނެތެވެ. ވަކި ބަޔައެއްގެ އަމިއްލަ މަސްލަހަތަށް ބަލައި، ވަކި ކަހަލަ ކަންކަން ފޮރުވުމަށްޓަކައި ރައްޔިތުންގެ ލޮލުގައި “އަނދުން” އަޅުވާކަހަލަ ގޮތަކަށް ކޮށްފައިވާ ކަމެއްހެން ހީވެއެވެ. ރަށުގެ ހާލަތު އަދި އޮތްގޮތުންނާއި، ބަހުގެ ހިދުމަތް ދޭން ރާވާފައި އޮތް ގޮތަކީ ރައްޔިތު މީހާ ބޭނުންވާ ގޮތެއް ނޫންކަން އެބަ އެނގެއެވެ.

ބަހުގައި ކުރެވުނު އަމިއްލަ ތަޖުރިބާ އާއި ރައްޔިތުންގެ ވާހަކަ ތަކަށް ބަލާއިރު އެ ދައްކަނީ މުޅި އަކުން ދޮގުވާހަކަތަކެއް ނޫންކަން އެނގިގެން ދިޔައެވެ. އާބާދީބޮޑު، ތޮއްޖެހިފައިވާ މާލޭގައި ޚިދުމަތް ދޭ ގޮތަށް، މީސްކޮޅު މަދު އަދި ކޮންމެ ގެއެއްގައިހެން އަމިއްލަ ކާރާއި ސައިކަލް ހުންނަ ރަށް ރަށުގައި، މާލެއެކޭ އެއް ގޮތަށް އެއް ޝެޑިއުލް އަކަށް ހުއްޓުމެއް ނެތި ބަހުގެ ދަތުރުތައް ކުރަމުން ދިއުމަކީ އޭގެ މަންފާ އަށް ވުރެ ބޮޑަށް ތުރާލަކަށް ވާކަމަށް ގިނަ ބަޔަކު ދައްކާ ވާހަކަ އާއި ގަބޫލު ވެވުނެވެ. ސަރުކާރުން ވިޔަސް ނުވަތަ ކުންފުނިން ވިޔަސް ކުރަމުން އެދަނީ ހަމަ ބޭކާރު ޚަރަދެއް ކަމުގައި ޔަގީން ކުރެވުނެވެ! ހުރިހާ ދިމާއަކުން ޚަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާ މި ދުވަސްވަރު ކުންފުނިންވެސް އަދި ސަރުކާރުން ވެސް މިކަމާއި މެދު އަދި ފުންކޮށް ވިސްނާލަން އެބަ ޖެހެއެވެ!

 

2 ކޮމެންޓް
ahmed
އޮކްޓޯބަރު 11, 2022
ކަންތަ ބަލަން ވާވަރަށް ބެލިއިރުވެސް ބަހުގަ ހުންނަނީ ކިތަށް ޝީޓުކަން ނޭނގެ ހައްހައް
Moad
އޮކްޓޯބަރު 11, 2022
Addu kahala thahuzeeb kamah kiyaa meehun ulheythaaga application akun ticket nagan jehun thuraalakah vee.