English Edition
Dhivehi Edition

އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހައިލި ހާދިސާގައި ގެއްލުނު އައްޑޫ ސިޓީ، ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އޭނާ ހޯދުމަށް 87.6 ސްކޮޔަރ އަކަމޭލު މިހައިތަނަށް ބަލާފައިވާ ކަމަށާއި މިހައިތަނަށް ހޯދި ހޯދުމުން މިންހާޖު ފެނިފައި ނުވާ ކަމަށެވެ.

މި މަސައްކަތުގައި އެމްއެންޑީއެފް ވެސް ހަރަކާތްތެރިވަމުން އަންނައިރު، އެމްއެންޑީއެފް އިން ބުނެފައިވަނީ އުމުރުން 28 އަހަރުގެ މިންހާޖު ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މިންހާޖު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް “ހަކުރާ” އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ މި މަހުގެ 7 ވަނަ ދުވަހު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެއް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މާލެ، ކުރީގެ ކުނިކޮއްޓާއި ދިމާއިން ފުރި މި ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށް މައުލޫމާތު ލިވިފައިވާ ކަމަށާއި އެ ލޯންޗު ފެނުނު އިރު އެ ލޯންޗުން އެކަކު ގެއްލިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ އއ. މާޅޮސް ކައިރިން ފެނިފައިވާއިރު، ސަލާމަތްވި މީހާ ފެނިފައިވަނީ ފެރިދޫ ފުއްޓަރާ ދިމާއިން ނެވެ. އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރުފަރުވާއަށް މާލެ ގެނެސް ވަނީ ފަރުވާދީފަ އެވެ. އަދި މިހާރު އޭނާ ވަނީ ފަރުވާދިނުމަށްފަހު ދޫކޮށްލާފަ އެވެ.

އެމްއެންޑީއެފް އިން ވަނީ ގެއްލުގެން ހޯދަމުންދާ މިންހާޖު އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުމަށް އެދިފަ އެވެ.