English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން އަތުން ހޯދި މޮޅާއި އެކު މެންޗެސްޓަރ ސިޓީ ލީގުތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭގެ މެޗު ސިޓީން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާއިންނެވެ.

ރޭގެ މޮޅާއި އެކު ސިޓީ އެއް ވަނައިގައި އޮތީ ނުވަ މެޗުން 23 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް އަށް މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން މޮޅުވެގެން ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. ނުވަ މެޗުން 20 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް ލީގުގެ ތިން ވަނައިގައި އޮތްއިރު، ޗެލްސީ ހަތަރެއްގައި އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު އެވެ.

ސިޓީން މި މެޗުގައި ލީޑުނެގީ 20 ވަނަ މިނިޓްގައި ޔާއޯ ކަންސޭލޯ ޖެހި ގޯލުންނެވެ. މެޗުގެ 32 ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ސިޓީ އަށް ލީޑުފުޅާކޮށްދިނީ ފިލް ފޯޑެން އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ރޮޑްރީ ތަނަަވަސްކޮށްދިން ފުރުސަތެއްގައި ރިޔާދު މާރޭޒް ވަނީ ސިޓީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

ކަންސޭލޯ ދިން ބޯޅައަކުން މެޗުގެ 65 ވަނަ މިނިޓްގައި ސިޓީގެ ހަތަރު ވަނަ ގޯލު ޖެހީ އާލިން ބްރައުޓް ހާލަންޑް އެވެ. މި ލަނޑާއި އެކު ހާލަންޑް ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 15 އަށް އަރާފައެވެ.